ޖަރުމަނު ލީގުގެ 5 ވަނައިގައި ނިންމާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިގެން ދާނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިހާރު އިޓަލީ ލީގުގެ ފަސްވަނައިގައި ނިންމާ ޓީމަށް ފުރުސަތު ލިބޭގޮތަށް އަންނަ ސީޒަންގައި ޖަރުމަނު ލީގުގެ ފަސްވަނައިގައި ނިންމާ ޓީމަށްވެސް ފުރުސަތު ލިބިގެން ދާނެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ރޭ ޕީއެސްޖީ އަތުން މޮޅުވުމާއިއެކު، މި ނަތީޖާ އިން ޔޫރަޕްގެ މުބާރާތަކުގައި ޖަރުމަނުގެ ކްލަބްތަކުގެ އިންޑެކްސް ވަނީ މައްޗަށް ޖެހިލައިފަ އެވެ. މިއާ އެކު، އިޓަލީ އެކޭ އެއް ގޮތަށް ޖަރުމަނަށް ވެސް ވަނީ ޗެމްޕިއަންސް ލީގުން ފަސް ވަނަ ޖާގައެއް ލިބިފައެވެ.

ޖަރުމަނު ކްލަބްތަކުގެ އިންޑެކްސް ވަނީ 18.356 އަށް އަރައިފައެވެ.ޖަރުމަނަށް އިތުރު ޖާގައެއް ލިބުމާ އެކު، ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދާ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެން އޮތް ނަމަވެސް ދެން ޕްރިމިއަރ ލީގައް އެ ފުރުސަތެއް ނޯންނާނެއެވެ.

ޔޫރަޕްގައި މި ވަގުތު ޕްރިމިއަރ ލީގުގައި އޮތީ އެސްޓަން ވިލާ އެކަންޏެވެ. އެ ޓީމު އޮތީ ޔުއެފާ ކޮންފަރެންސް ލީގުގައެވެ. އެޓީމުން ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި ހޯދިނަމަވެސް، އިނގިރޭސި ޓީމުތަކަށް ހޯދޭނެ އިންޑެކްސް އަކީ، 18.25 އެވެ. އެހެންކަމަށް ވުމާ އެކު، ދެން އިނގިރޭސި ޓީމުތަކަށް އިތުރަށް ޔޫރަޕްގެ މަތީ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތުން ޖާގައެއްލިބުމުގެ ފުރުސަތެއްނެތެވެ.

ޗެމްޕިއަންސް ލީގުގެ ހަ ވަނަ ޖާގައެއް ލިބުމުގެ ފުރުސަތު ވެސް އަދި އޮތީ އިޓަލީ އާއި ޖަރުމަނު ލީގުގެ ޓީމުތަކަށެވެ. އެއީ، ޑޯޓްމަންޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޖަރުމަނު ލީގުގެ ގަދަ ފަހަކުން ބޭރުން ސީޒަން ނިންމުމާއި، އެޓަލަންޓާ ނޫނީ ރޯމާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމައެވެ.

މި ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ދެ ޓީމުވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގައް ކޮލިފައިވާނެއެވެ.