ބުރޫސިއާ ޑޯޓްމަންޑް އަށް ކުޅެމުންއަންނަ މާކޯ ރިއުސް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން ހާމަ ކޮށްފިއެވެ.

ބުރޫސިއާ ޑޯޓްމަންޑްގެ އިތުބާރު ފޯވާޑް މާކޯ ރިއުސް މި ސީޒަން ނިމުމުން އެ ކުލަބް އާއި އެކު ހަދާފައިވާ އެގްރިމެންޓް ހަމަ ވުމާއި އެކު އެ ޓީމު ދޫކޮށްލާނެކަން ވަނީ އިއުލާން ކޮށްފައެވެ.

މާކޯ ރުއިސް އެ ކުލަބް ދޫކޮށްލާނެ ކަން އުއުލާން ކޮށްފައިވާއިރު އޭނާގެ ކޮންޓްރެކްޓް ޖުލައި މަހު ހަމަ ވާނެއެވެ. އެހެންކަމުން އޭނާ ޑޯޓްމަންޑް ދޫކޮށްދާނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އުމުރުން 34 އަހަރުގެ ރުއިސް ޑޯޓްމަންޑް ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ޑޯޓްމަންޑްގައި 9 އަހަރު ހޭދަކޮށްފައިވެއެވެ.

މާކޯ ރިއުސް ޒުވާން ދުވަސްވަރު ބުރޫސިއާ ޑޯޓްމަންޑްގައި ހޭދަކުރުމަށްފަހު އޭނާ ވަނީ ރޮޓް ވެއިސް އަހްލެންއާއި ގުޅިފައެވެ. އަދި އެއަށް ފަހު 2009 ވަނައަހަރު ބުރޫސިއާ މޮންޗެންޑްލަގްބާޗް އަށް ގުޅުމަށްފަހު އެ ޓީމަށްވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާ ދީފައި ވެއެވެ. މިގޮތުން 2012 ވަނަ އަހަރު އެ ޓީމަށް ރިއުސް 18 ގޯލާއި 12 އެސިސްޓް ކޮށްދީފައިވާއިރު އެ ސީޒަންގެ ޗެމްޕިއަންސް ލީގައް އެ ޓީމު ކޮލިފައިކޮށްދީފައިވެއެވެ. އަދި އެ ސީޒަން ނިމުމުން އޭނާ ވަނީ އެ ޓީމު ދޫކޮށް ބުރޭސިއާ ޑޯޓްމަންޑް އާއި ގުޅިފައެވެ.

އަލުން އެންބުރި 2012 ވަނަ އަހަރު ބުރޫސިއާ ޑޯޓްމަންޑާއި ގުޅުނު މާކޯ ރިއުސް އެ ޓީމުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާއިރު، ރިއުސް ވަނީ ޑޯޓްމަންޑް އަށް 424 މެޗު ކުޅެދީފައެވެ. އަދި އެ ޓީމަށް 168 ގޯލު ވެސް އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޑޯޓްމަންޑްގެ ކެޕްޓަންކަންވެސް ކޮށްފައިވާ ރިއުސް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ޖަރުމަނު ގައުމީ ޓީމަށް 48 މެޗު ރިއުސް ކުޅެފައިވާއިރު، ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދެފަހަރު ނޮމިނޭޓް ވެފައިވާ ރިއުސް ވަނީ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 3 ފަހަރު ހޯދާފައެވެ.