އިނގިރޭސި ޕްރިމިއާ ލީގުގެ ގޯލްޑަން ގްލޯވް އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮވާ ގޯލްޑަން ގްލޯވް އަކީ މުޅި ސީޒަނުގައި އެންމެ މަދުން އެ ކީޕަރެއް ކައިރިން ގޯލް ވަދެފައިވާ ކީޕަރަކަށް ލިބޭ އެވޯޑެކެވެ. މި ސީޒަނުގައި އެ އެވޯޑަށް ވާދަކުރީ އާސެނަލްގެ ރަޔާގެ އިތުރުން އެވަޓަންގެ ކީޕަރު ޖޯޑަން ޕިކޮފޯޑެވެ. ނަމަވެސް ރޭ ލޫޓަން ޓައުން އިން އެވަޓަން ކޮޅަށް ލަނޑު ޖަހާފައިވާތީ އެ އެވޯޑު ލިބެނީ ރަޔާ އަށެވެ.

މި ސީޒަނުގައި ރަޔާ ވަނީ އަމިއްލަ ކޮޅަށް ލަނޑެއް ވަނަ ނުދީ 14 މެޗު ކުޅެފައެވެ. ރޭގެ މެޗުގެ ކުރިން ޕިކްފޯޑަށް ކިރިޔާވެސް ފުރުސަތެއް އޮތް ނަމަވެސް ރޭގެ މެޗުގައި ވަނީ ޕިކްފޯޑު ކައިރިން ލަނޑެއް ވަދެފައެވެ. ޕިކްފޯޑަށް ލަނޑެއް ވަނަ ނުދީ ހިފެހެއްޓިފައިވަނީ 12 މެޗުގައެވެ. ތިން ވަނައަށް މި މަގާމަށް ވާދަކުރާ ފުލްހަމްގެ ކީޕަރު ލެނޯ އަދި މެންޗެސްޓަރ ސިޓީގެ ކީޕަރު އެޑަސަން އަށް ލަނޑެއް ވަނަ ނުދީ ހިފެހެއްޓުނީ 9 މެޗެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް އާސެނަލްގެ ރަޔާ އަށް --- ފޮޓޯ: ގެޓީ އިމޭޖަސް

މި ފަހަރުގެ ސީޒަން ނިމެން ބާކީ އާސެނަލަށް ތިން މެޗު އޮތް އިރު އެވަޓަނަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. އެހެންކަމުން މި އެވޯޑަށް ޕިކްފޯޑަށް އޮތް ފުރުސަތު މި ވަނީ ގެއްލިފައެވެ.

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން މި އެވޯޑު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓަރ ސިޓީގެ ކީޕަރު އެޑަސަނެވެ. އޭނާ ވަނީ މި އެވޯޑު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. ދެން އެންމެ ގިނައިން މި އެވޯޑު ހޯދީ ލިވަޕޫލުގެ ކީޕަަރު އެލިސަނެވެ. އޭނާ ވަނީ މި އެވޯޑު ތިން ފަހަރު ހޯދާފައެވެ.