ޖެހިޖެހިގެން 49 މެޗުން ބަލިނުވެ، ޔޫރަޕްގެ ރެކޯޑަކާއި އެކު ބަޔާ ލެވަކޫސަން ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އާއި ދެކޮޅަށް ކުޅުނުމެޗު އެއްވަރުކޮށް އެގްރިގޭޓުގެ ނަތީޖާއިން ލެވަކޫސަން އަށް ކުރި ލިބިގެން ފައިނަލްގެ ޖާގަ ކަށަވަރުކުރިއިރު، މީ އެ ޓީމުން ބަލިނުވެ ޖެހިޖެހިގެން ކުޅުނު 49 ވަނަ މެޗެވެ.

މި ސީޒަންގެ ޖަރުމަނު ލީގުގެ ތަށިވެސް ހޯދާފައިވާ ލެވަކޫސަން އިން ޔޫރޮޕާ ލީގުގެ ފުރަތަމަ ލެގުގައި ރޯމާގެ ދަނޑުގައި ކުޅުނުމެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، މިރޭގެ މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި އާއިއެކު އެގްރިގޭޓުން 2-4 ގެ ނަތީޖާއަކުން ލެވަކޫސަން އަށް ކުރިލިބިގެން ޔޫރޮޕާ ލީގުގެ ފައިނަލްގެ ޖާގަ ކަށަވަރުވިއެވެ.

ރޯމާއާއި ދެކޮޅަށް ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ލެވަކޫސެންގެ އަމިއްލަދަނޑުގައި މިރޭ ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖަހާ ކުރިހޯދާފައިވަނީ ރޯމާއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޕަރެޑޭސް އެވެ. މި އާއިއެކު މެޗުގެ ފުރަތަމަ ހާފުގެ ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ރޯމާ ކުރީގައި އޮވެެގެންނެވެ.

ޒަބީ އެލޮންސޯގެ ކޯޗުކަމުގައި މޮޅުކުމެއް މި ސީޒަންގައި ދައްކަމުން އަންނަ ލެވަކޫސަންއަށް މިރޭގެ މެޗު ފަސޭހައެއް ނުވިއެވެ. ފުލުފުލުގައި ރޯމާ އިން ލެވަކޫސަންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ޕެނަލްޓީއެއްހޯދާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ލެވަކޫސަންގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އެ ޓީމުގެ އެޑަމް ހޯލެކް އަތުގައި ޖެހިގެން ރޯމާ އަށް ލިބުނު މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައިވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިން ލިއަންޑްރޯ ޕަރެޑޭސް އެވެ.

ރޯމާއާއި ދެކޮޅަށް ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭކުޅުނު މެޗުގައި ރޯމާ ދެ ގޯލު ޖަހާ އެގްރިގޭޓް އެއްވަރުކޮށްފައިވަނިކޮށް ލެވަކޫސަންއަށް ހިތްވަރެއް ލިބިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައި ރޯމާގެ ޖިއަންލުކާ މަންޗިނީ އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ނަތީޖާ 1-2 އަށް ބަދަލު ވުމުންނެވެ. މި ގޯލާއި އެކު ލެވަކޫސަންއިން ކުޅުން އިތުރަށް ރަނގަޅުކޮށް ރޯމާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 90 މިނެޓް ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި އެ ޓީމުންވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި އާއި އެކު މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެ، ސެމީ ފައިނަލްގެ ދެ މެޗުގެ އެގްރިގޭޓު 2-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ރޯމާއާއި ދެކޮޅަށް ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

1995 ވަނަ އަހަރު ޔުއެފާ ކުލަބް މުބާރާތްތައް ތާރަފްކުރި ފަހުން ޖެހިޖެހިގެން މެޗަކުން ބަލިނުވެ ކުޅުނު ޔޫރަޕްގެ ކުލަބުގެ ރެކޯޑް ލެވަކޫސަން އިން ވަނީ މުގުރާލާފައެެވެ. މީގެކުރިން 1963 އިން 1965 އަށް ޖެހިޖެހިގެން ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ ޕޯޗުގަލްގެ ބެންފީކާ އިންނެވެ. އެއީ 48 މެޗެވެ. އެހެންނަމަވެސް ޔުއެފާ ކުލަބް މުބާރާތްތަށް ތާރަފް ކުރި ފަހުން ޔޫރަޕްގެ ޓީމެއް ބަލިނުވެ ކުޅުނު ޓީމަކަށް ލެވަކޫސަން ވެފައިވަނީ އެ ޓީމުން މި ސީޒަންގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން 49 މެޗުން ބަލިނުވެ ކުޅުމުންނެވެ.

ޒަބީ އެލޯންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންއަންނަ ބަޔާން ލެވަކޫސަން އިން ވަނީ މި ސީޒަންގައި އެ ޓީމުން ކުޅެމުން އަންނަ ހުރިހާ މުބާރާތަކުން ޖެހި ޖެހިގެން 49 މެޗުން ބަލިނުވެ ކުޅެފައެވެ. އަދި މީގެ ތެރެއިން 40 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.