އަންނަ އަހަރު ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޓީމުތަށް ހޮވުމަށް ކުޅެމުން އަންނަ ޔޫރޯ ކޮލިފިކޭޝަންސްގައި އިޒްރޭލާއި ސުވިޒިލެންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަސްކުރި ކަން ރަސްމީކޮށް ޔުއެފްއާއިން އިއުލާނުކޮށްފިއެވެ.

ޔޫރޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ޖުލައި މަހުގެ 14 ވަނަ ދުވަހަށް ޖަރުމަންވިލާތުގައެވެ.

ޔުއެފްއާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން މިމަހުގެ 12 ވަނަ ދުވަހު އިޒްރޭލުގެ ބްލޫމް ފީލްޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު ލަސްކޮށްފައިވަނީ މިހާރު ފަލަސްތީނުގެ މިނިވަން ކަމަށް އެގައުމުން އިޒުރޭލާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލުގެ އެކި ސަރަހައްދު ތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިވަގުތަކީ މެޗުތައް ކުޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ޔުއެފްއާއިން ވަނީ ބުނެފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ އިތުރުން އެހެން އެއްވެސް މެޗެއް ބަދަލު ކޮށްފައި ނުވާނޭ ކަމުގައި ޔުއެފްއާއިން ވަނީ ބުނެފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ކޮސޯވޯއާއި ދެކޮޅަށް އިޒްރޭލުން އެގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު މިހާރު ވެސް ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމުގައި ވެސް ޔުއެފްއާއިން ވަނީ ބުނެފައެވެ.

ޔޫރޯ ކޮލިފިކޭޝަންސްގައި އިޒްރޭލު ހިމެނިފައިވަނީ ގުރޫޕް އައިގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ސްވިޒަލޭންޑާއި ރޯމޭނިޔާއާއި ބެލަރޫސް، ކޮސޯވޯގެ އިތުރުން އެންޑޮރާއެވެ. އިޒްރޭލު އޮތީ 11 ޕޮއިންޓާއިއެކު ތާވަލުގެ ތިން ވަނައިގައެވެ.