ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހުގެ 11 ގެއަކަށް ހަމަލާދީފިއެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި ނިރުބަވެރިން ރަފާހަށް ހަމަލާދީފައިވާ އެކަން ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޮފީހާއި ހަވާލާދީ، މީޑިއާތަކުން ބުނީ، ރަފާހުގެ މީހުން ދިރިއުޅޭ އަދި ދިރިނޫޅޭ ގިނަ ގެތަކަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއާއި ގުޅިގެން އެސަރަހައްދުގައި އެމީހުންގެ ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި ނިރުބަވެރި އިސްރާއީލުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރަފާހުގެ 11 ގެއަކަށް ހަމަލާދީފައެވެ. މި ހަމަލާގައި އެތަކެއް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރިން ރަފާހަށް ދިން މި ހަމަލާގައި މިހާތަނަށް 21 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެތަކެއް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހަކު ޝަހީދުކޮށްލާފައިވާއިރު، 77،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.