ފަލަސްތީނުގެ އިރުމަތީ ރަފާހްއިން އާންމު ރައްޔިތުން ފައިބައި އެ ސަރަހައްދު ހުސްކުރުމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލުގެ ބައެއް މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިރުމަތީ ރަފާހުގައި ދިރިއުޅެމުން އަންނަ ރައްޔިތުން އެސަރަހައްދު ދޫކުރުމަށް ނިރުބަވެރި އިސްރާއީލް ސިފައިން އަންގަމުން އަންނަ ކަމަށެވެ. އެސަރަހައްދަކީ އެއީ އިސްރާއީލުގެ ބޯޑަރާއި ވަރަށް ކައިރިން އޮންނަ ސަރަހައްދެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި އެންގުމަކީ "އަސްކަރީ ހަމަލާއެއް" ދިނުމުގެ ކުރިން ކުރިން ނެރެފައިވާ އެންގުމެކެވެ. ނިރުބަވެރިން ވަނީ އެސަރަހައްދުގައި އުޅޭ ފަރާތްތަކުން ގެދޮރު ގެއްލިގެން ޚާން ޔޫނިސް އާއި އަލް-މަވާސީ ސަރަހައްދުގައި ތިބި މީހުން ކައިރިއަށް ދިއުމަށް އަންގާފައެވެ.

ނިރުބަވެރިން ރަފާހު ހުސް ކުރުމަށް އަންގާފައިވާއިރު، މީގެ ކުރިން ވެސް ނިރުބަވެރިން ވަނީ އެމީހުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަން ފުޅާކޮށް، ރަފާހަށް އަރާނެ ކަމަށް ބުނެފައެވެ. އަދި މިވަގުތު މިސްރު މެދުވެރިއަކަށްވެގެން އެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވެސް އަންނަނީ ކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.