މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ސްކޮޓްލޭންޑް އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަދި މާގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ޓީމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި މުބާރާތް ތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނުނު ނަމަވެސް މީގެކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްކޮޑްލޭންޑް ކޮލިފައިވެފައިވަނީ 3 ފަހަރުއެވެ. އަދި މީ ސްކޮޑްލޭންޑް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި 4 ވަނަ ފަހަރެވެ.

ސްކޮޓްލޭންޑް ޔޫރޯ އަށް ކޮލިފައިވެފައިވަނީ 1992ގަ އާއި 1996 އަދި 2020 ގެ އިތުރުން މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. މި އަހަރުގެ އިތުރުން ސްކޮޑްލޭންޑް ކޮލިފައިވި ކޮންމެ ފަހަރަކުވެސް އެ ޓީމަށް މުބާރާތް ނިމެނީ ގްރޫޕް ސްޓޭޖުންނެވެ. ގްރޫޕް ސްޓޭޖުގެ ކުރިއަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޑްލޭންޑް އަށް ކުރިއަށް ދެވިފައިނުވާއިރު މިއަހަރު އެ ޓީމުން ނިކުންނަނީ އެ ޓީމުން މީގެ ކުރިން ނުދެވޭ ވަރަށްވުރެ ކުރިއަށް ދިއުމަށެވެ.

ސްކޮޓްލޭންޑް ގެ ގައުމީ ޓީމު

ތިން އަހަރުމަތިން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެ މުބާރާތުގެ ގުރޫޕް ސްޓޭޖު އާއި ހިސާބުން ސްކޮޑްލޭންޑް އަށް މުބާރާތް ނިމެމުންއަންނަ އައުން ބަދަލު ކުރުމަށް މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްކޮޑްލޭންޑް 9 މެޗެއް ކުޅެފައިވާއިރު އެ ޓީމަށް މޮޅުވެވިފައިވަނީ 2 މެޗުންނެވެ. އަދި ދެ މެޗުން އެއްވަރު ވެފައިވާއިރު ފަސް މެޗަކުން އެ ޓީމު ވަނީ ބަލިވެފައެވެ.

ސްޓީވް ކްލާކް ގެ ކޯޗުކަމުގެ ދަށުން މިއަހަރު ޖަރުމަނުގައި ކުޅެން ހަމަ ޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ސްކޮޑްލޭންޑް ގެ ޓީމަށް އެންމެ ބޮޑު އެއް ޗެލެންޖަކަށް ވާނީ މުބާރާތް ބާއްވާ ޖަރުމަނު ޓީމާއި އެއް ގުރޫޕެއްގައި އެ ޓީމު ހިމެނުމެވެ. ޖަރުމަނުގައި މުބާރާތް ބާއްވާއިރު ސްކޮޑްލޭންޑް މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގުރޫޕުގައި ސްކޮޑްލޭންޑާއި އެކު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނު ގެ އިތުރުން ހަންގޭރީ އާއި ސްވިޒަލޭންޑް އެވެ. ސްކޮޓްލޭންޑަށް މީ ފަސޭހަ ގްރޫޕަކަށް ނުވާނެއެވެ.

އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްކޮޑްލޭންޑް ގެ މުހިންމު ބައެއް ކުޅުންތެރިންނަށް ބަލާލާއިރު ސްކޮޑްލޭންޑް ގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކަށްވާނީ އެ ޓީމުގެ މެދުތެރޭގައި ހަރަކައިތްތެރިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނީއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑްގެ މެދުތެރޭގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުންދާ މެކްޓޮމިނީ އަށް ގައުމީ ޓީމުގައި އަދާކުރަންޖެހޭ މަސައްކަތްވެސް ބޮޑު ވާނެއެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްކޮޑްލޭންޑްގެ ޓީމުގެ 28 މީހުންގެ ލިސްޓް މާދަމާ އިއުލާން ކުރަން ނިންމާފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރެންޓްފޯޑް އަށް ކުޅެމުން އަންނަ ޑިފެންޑަރ އާރޮން ހިކޭ އަށް މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި އެ ޓީމުގެ ޒުވާން ޑިފެންޑަރ ނަތަން ޕެޓާސަން އަށްވެސް މިއަހަރުގެ ޔޫރޯގައި ނުކުޅެވޭނެކަން ވަނީ އިއުލާންކޮށްފައެވެ.

ސްކޮޓްލޭންޑް ގެ ގައުމީ ޓީމު

ޔޫރޯ 2024 ގައި ނިކުންނަ ސްކޮޑްލޭންޑް ޓީމުގެ ފަހަތަށް ކުޅެމުން އަންނަ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ނުކުޅެވުން މީ އެ ޓީމުގެ ކޯޗަށް ކުރިމަތިވާން ވަރަށްބޮޑު ޗެލެންޖެކެވެ. ސްކޮޑްލޭންޑް ޓީމުގެ ފަހަތަށް ކުޅެމުންއަންނަ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެ މުބާރާތް ނުކުޅެވުނަށް ޖޫން 7 ވަނަ ދުވަހުގެ ކުރިން އެ ޓީމުން ޖަރުމަނަށް ގެންދާ 26 ކުޅުންތެރިންގެ ސްކޮޑަށް ކުޅުންތެރިން ހޯދުމުގައި ކޯޗު ސްޓީވް ކްލާކަށް އިތުރު ކުޅުންތެރިން އިހުތިޔާރު ކުރުމަށް އަދި ވަގުތު އެބައޮތެވެ.

ކުރިއަށްއޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޑްލޭންޑް ގެ ގޯލު ކީޕަރުންގެ ގެ ގޮތުގައި ޓީމަށް ނަގާނެކަމަށް ބޮޑަށް ލަފާކުރެވެނީ އެންގަސް ގަން އާއި ލިއަމް ކެލީގެ އިތުރުން ކްރެއިކް ގޯޑަން އަދި ޒެންޑާ ކްލާކް އެވެ. އަދި ޓީމުގެ މެދު ތެރޭގައި މެކްޓްމިނީ އާއި އެކު ދެން ހަރަކާތް ތެރިވާނެކަމަށް ލަފާކުރެވެނީ ބިލީ ގިލްމޯ އާއި ލެވިސް ފާގަސަން ގެ އިތުރުން ޖޯން މެކިން އާއި ސްޓޯޓް އާމްސްޓްރޯންގް، ކެނެތް މެކްލީން އަދި ރަޔާން ކްރިސްޓީ އެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ސްކޮޓްލޭންގެ ޓީމުގެ ފަހަތުގައި ހަރަކާތްތެރިވާނެ ކަމަށް ލަފާ ކުރެވެނީ އެންޑްރިއު ރޮބާޓްސަން އާއި އެކު ލިއަމް ކޫޕާ، ޖެކް ހެންޑްރީ، ރަޔާން ޕޯޓިއަސް، އެންތޮނީ ރަލްސްޓަން، ކިއެރިން ޓިއެނީ ގެ އިތުރުން ޖޯން ސައުޓަރ އާއި ގްރެގް ޓެއިލާއެވެ. އަދި ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ގޮތުގައި ލިންޑޮން ޑައިކްސް އާއި ލޯރެންސް ޝަންކްލޭންޑް ގެ އިތުރުން ޗޭ އެޑަމްސް އެވެ.

މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް ގެ ޓީމަށް މާރަނގަޅު ނަތީޖާ ތަކެއް ނުނެރެވުނު ނަމަވެސް މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެއަށް ވުރެ ކުރިއަށް ދިއުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކުރެވިދާނެ ކަމަށް އެ ޓީމުން އުންމީދު ކުރެއެވެ.

ޔޫރޯ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 14 ގައެވެ. ޖޫން 14 އިން ޖުލައި 14 އަށް މި މުބާރާތް ކުރިއަށް ދާއިރު މުޅި ޖުމްލަ 51 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މެޗުތައް ކުޅެވޭނީ ޖަރުމަނުގެ 10 ސްޓޭޑިއަމަކަށް ބަހާލައިގެންނެވެ