ޖަރުމަނުގެ ގައުމީ ޓީމު އަދި ރިއަލް މެޑްރިޑްގެ މިޑްފިލްޑަރ ޓޯނީ ކުރޫސް މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ރިޓެއާ ކުރާނެކަން އިއުލާން ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ޓޯނީ ކުރޫޒް މިއަދު އިއުލާން ކޮށްފައިވާގޮތުން އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަކީ އޭނާ ރިއަލް މެޑްރިޑް އަށް ކުޅޭނެ އެންމެ ފަހު މެޗެވެ. އަދި މިއަންނަ މަހު ޖަރުމަނުގައި ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތައްފަހު ޓޯނީ ކުރޫޒް ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަން އޭނާ ވަނީ އިއުލާންކޮށްފައެވެ.

ޓޯނީ ކްރޫޒް

2014 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު ސްޕެއިންގެ ރިއަލް މެޑްރިޑް އާއި ޓޯނީ ކުރޫޒް ގުޅުނު ފަހުން ރިއަލް މެޑްރިޑް އާއި އެކު ގިނަ ކާމިޔާބީ ތަކެއް ވަނީ ހޯދާފައެވެ. މިގޮތުން ރިއަލް މެޑްރިޑް އާއި އެކު ޓޯނީ ކުރޫޒް 21 ތައްޓެއް ވަނީ ހޯދާފައެވެ. މީގެ ތެރޭގައި 4 ފަހަރު ސްޕެއިންގެ ލީގު ހޯދާފައިވާއިރު ޓޯނީ ކުރޫޒް ވަނީ ރިއަލް މެޑްރިޑް އާއި އެކު 4 ޗެމްޕިއަންސް ލީގު ވެސް ހޯދާފައެވެ.

2018 ވަނަ އަހަރުގެ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޓޯނީ ކުރޫޒް 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުންވަނީ ހުއްޓާލާފައެވެ. އެހެން ނަމަވެސް މިއަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުގެ ކޯޗު ނެގިލްސްމަން ގެ އެދުމުގެ މަތިން ޓޯނީ ކުރޫޒް ވަނީ އަލުން ގައުމީ ޓީމަށް ކުޅުމަށް ނިންމާފައެވެ.

ޓޯނީ ކްރޫޒް

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ފުޓްބޯޅަ ކުޅުމުން ރިޓެއާ ވާނެކަން އިއުލާންކޮށްފައިވާ ޓޯނީ ކުރޫސް 2010 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމުގައި ކުޅެމުންދިޔައެވެ. އަދި ޖަރުމަނުގެ ގައުމީ ޓީމާއި އެކު ބޮޑު 6 މުބާރާތެއް ކުޅެފައިވެއެވެ. މިގޮތުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ޖަރުމަނު ޓީމުން ކާމިޔާބުކުރި އިރު އެ ޓީމުގައިވެސް ކުރުޒް ހިމެނުނެެވެ. އަދި އެ މުބާރާތުގެ އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ މަގާމު ޓޯނީ ކުރޫޒް ހޯދާފައިވާއިރު، އެ އަހަރުގެ ޑްރީމް ޓީމުގައި ވެސް ކުރޫޒް ހިމެނުނެވެ. އަދި މީގެ އިތުރުން އެ އަހަރުގެ އޯލް ސްޓާ ޓީމުގައިވެސް ހިމެނުނު ޓޯނީ ކުރޫޒް އެއަހަރުގެ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދިއެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އަލުން އެނބުރި އައުމުގެ ކުރިން ޓޯނީ ކްރޫޒް ވަނީ ޖަރުމަނު ގައުމީ ޓީމަށް 106 މެޗު ކުޅެދީފައެވެ. އަދި 2014 ވަނަ އަހަރު ވޯލް ކަޕް ޖަރުމަނުން ކާމިޔާބު ކުރުމުގައި ޓޯނީ ކްރޫޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު