ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް، އެ ޓީމުގައި މަޑު ކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

މިސްރުގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސަލާހް "އެކްސް" ގައި ކުރި ޕޯސްޓަކާ އެކުގައި ކުރިއަށް އޮތް ސީޒަންގައި ސަލާހް ލިވަޕޫލްގައި މަޑު ކުރާނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މިސްރުގެ ކެޕްޓަން ކަން ވެސް ކުރާ ސަލާހު މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އަންނަ ސީޒަންގައި ތަށިތަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ނިމެން ކައިރިވެފައި ވަނިކޮށް ސަލާހް ސައުދީ އަށް ބަދަލުވާން އުޅޭކަމުގެ އަޑު ވަނީ ގަދަވެފައެވެ.

ލިވަޕޫލްގެ ފޯވާޑު މުހައްމަދު ސަލާހު

"އަހަރުމެން އެންމެނަށްވެސް އެނގޭ އަބަދުވެސް ތަށިތައް ކައުންޓް ކުރާނެކަން، އަންނަ ސީޒަންގައި ތަށިތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" ސަލާހް ބުނެފައިވެއެވެ.

ލިވަޕޫލްގެ ކޯޗުކަމުން ކޮލްޕް ވަކިވެފައިވާއިރު ލިވަޕޫލް އިން ވަނީ އެ ޓީމުގެ އާ ކޯޗުކަމަށް ސްލޮޓް ހަމަޖައްސައިފައެވެ. ސްލޮޓްގެ ކޯޗުކަމުގައި ސަލާހް އެ ޓީމުގައި މަޑު ކުރާނެކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ފުޓްބޯޅަ ދިރާސާ ކުރާ ބައެއް ފަރާތްތަކުން މީގެ ކުރިން ބުނެފައިވަނީ ކްލޮޕް ލިވަޕޫލް ދޫކޮށްލާފައި ދިއުމުން ސަލާހް ވެސް އެ ޓީމު ދޫކޮށްލަން ބޭނުން ވެދާނެ ކަމަށެވެ. ނަމަވެސް ލިވަޕޫލް އާއެކު ގިނަ ތަށިތަކެއް ހޯދުމަށް ސަލާހް ބޭނުންވެއެވެ.

މިދިޔަ ސްޕްޓެމްބަރު މަހު ސައުދީގެ ކުލަބެއް ކަމަށްވާ އަލް އިއްތިހާދުން ވަނީ ސަލާހު ހޯދުމަށް 150 މިލިއަން ޔޫރޯގެ ބިޑެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ލިވަޕޫލް އިން ސަލާހް ވިއްކާކަށް ބޭނުމެއް ނުވިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާގެ އިތުރުން ކަރިމް ބެންޒިމާ މެން ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ ޓީމެއް ކަމަށްވާ އަލް އިއްތިހާދުން ލިވަޕޫލް އަށް ހުށައެޅި ހުށައެޅުން އޭރު ބަލައިނުގަތުމުން ސައުދީ ޕްރޯ ލީގުގެ ޑައިރެކްޓަރު މައިކަލް އެމެނާލޯ ބުނެފައިވަނީ ސަލާހް އަށް އަބަދުވެސް ސައުދީ ޕްރޯ ލީގުގެ ދޮރުވަނީ ހުޅުވިފައި ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު ސަލާހް މި ސީޒަންގައި ލިވަޕޫލް އަށް 44 މެޗު ކުޅެދީފައިވާއިރު 25 ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ. ސަލާހް ލިވަޕޫލްއާ އެކު ވެފައިވާ އެއްބަސްވުން ހަމަވާން އަދި އެއް އަހަރު އެބައޮތެވެ.