ޗެލްސީގެ ކޯޗުކަމުން މައުރިސިއޯ ޕޮޗެޓީނޯ އިސްތިއުފާ ދީފިއެވެ.

ޗެލްސީގެ ބަޔާނުގައި އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރ ލައުރެންސް ސްޓެވާޓް އާދި ޕައުލް ވިންސްޓެންސްލީ ބުނެފައިވަނީ ޕޮޗެޓީނިއޯ އެ ޓީމު ދޫކޮށްލަން ނިންމާފައިވަނީ ދެފަރާތުން ވާހަކަ ދެއްކުމަށްފަހުގައެވެ. އަދި ޕޮޗެޓީނޯ ޗެލްސީގެ ހެޑް ކޯޗެއްގެ ގޮތުގައި ކުރެއްވި މަސައްތަކަށް އެ ޓީމުގެ ހުރިހާ މެމްބަރުންގެ ނަމުގައި ޝުކުރު އަދާކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޕޮޗެޓީނޯ ޗެލްސީ އާ ގުޅިފައިވަނީ 2023-2024 ސީޒަންގެ ކުރީކޮޅުގައެވެ. އޭރު ޗެލްސީގެ ހެޑްކޯޗުކަމުގައި ހުރި ފްރޭންކް ލަމްޕާޑް ކޯޗުކަމުން ވަކިކުރުމަށްފަހު ޕޮޗެޓީނޯ އެ މަގާމަށް ވަނީ ހަމަޖައްސާފައެވެ.

މި ސީޒަން ފަށައިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ދަށް ކުޅުމެއް ފެނިގެން ދިޔަ ޗެލްސީ އިން ވަނީ ސީޒަންގެ ފަހުކޮޅު ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. ޗެލްސީ އިން މި ސީޒަން ނިންމާލާފައިވަނީ ތާވަލްގެ ހަ ވަނައިގައެވެ. މިއާއި އެކު ޗެލްސީ ވަނީ އަންނަ ސީޒަންގެ ޔޫރަޕްގެ މުބާރާތުން ޖާގަހޯދާފައެވެ.

ޗެލްސީގެ ހެޑް ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެފައިވާއިރު، ދެން ޗެލްސީގެ ކޯޗުކަމަށް ގެންނާނެ މީހެއް އަދި އެ ޓީމުން ހާމަ ކޮށްފައިނުވާއިރު، ޕޮޗެޓީނޯ ވެސް ދެން ދާނެ ޓީމެއް އަދި ހާމައެއް ނުކުރެއެވެ.

ކުރިން ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސި ޓީމެއް ކަމަށްވާ ޓޮޓެންހަމްއަށްވެސް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލާފައިމިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރުމަށްފަހުގައެވެ.