ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި ރޭ ބަޔާ ލެވަކޫސަން އާއި ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށް، 61 އަހަރު ފަހުން އެޓްލާންޓާ އިން އެ ކުލަބުގެ ތާރީހުގައި ދެވަނަ ޓްރޮފީ ހޯދައިފިއެވެ.

އެންމެ ފަހުން އެޓްލާންޓާއިން ޓްރޮފީއެއް ހޯދާފައި ވަނީ 1963 ވަނަ އަހަރުއެވެ. އެފަހަރު ކޮޕަ އިޓާލިއާގެ ތަށި ނެގި ފަހުން މިއަހަރަށް 61 އަހަރުވާނެއެވެ.

ރޭގެ މެޗު ފަށައިގެން ގިނައިރުތަކެއް ނުވެ، މެޗުގެ 12 ވަނަ މިނެޓުގައި އެޓްލާންޓާ އިން ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށް ލީޑެއް ހޯދާފައެވެ. އެޓްލާންޓާގެ ޑޭވިޑް ޒަޕަކޮސްޓާ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަޑެމޯލާ ލޫކްމަނެވެ.

ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ 13 މިނެޓު ފަހުން އެޓްލާންޓާ އިން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ލޫކްމަނެވެ. އޭރިޔާ ރޮނގު މަތިން އޭނާ ފޮނުވާލި ބޯޅަ ގޮސް އަމާޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ.

އެޓްލާންޓާގެ ދެވަނަ ގޯލަށް ފަހު ލެވަލޫސަނުން ވެސް ވަނީ ގޭމުގެ ތެރެއަށް އަލުން ވަދެފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންވެސް ވަރަށް ވާދަވެރި ކުޅުމެއް ކުޅުމަށް ފަހުއެވެ.

އެޓްލާންޓާއިން ޔުރޮޕާ ލީގު ކާމިޔާބު ކުރުން

ދެވަނަ ހާފު ފަށައިގެން ގިނައިރު ބޯޅަ ގެންގުޅެފައި ވަނީ ލެވަލޫސަނުންނެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނެޓުގައި އެޓްލާންޓާގެ ލޫކްމަން ވަނީ އިތުރު ލަނޑެެއް ޖަހައި މެޗުގައި ހެޓްރިކް ހަދާފައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ޑިފެންޑަރ ބީޓު ކޮށްލުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ލެވަކޫސަންގެ ކީޕަރަށް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

ތިން ވަނަ ގޯލަށް ފަހުވެސް ލެވަކޫސަނުން ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ ލޫކްމަންގެ ހެޓްރިކާއެކީ 3-0 އިން އެޓްލާންޓާ ކުރީގައި އޮވެގެންނެވެ.

މިއާއެކު ލެވަކޫސަނުން ގާއިމު ކުރަމުން އައި ބަލިނުވުމުގެ ސިލްސިލާ ރިކޯޑަށް ވަނީ ނިމުން އައިސްފައެވެ. އެ ޓީމުން މި ސީޒަނުގައި ބަލިނުވެ 51 މެޗު ކުޅުނު އިރު ޖަރުމަނުގެ ބުންޑަސްލީގާގެ ތަށި ނަގާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ ޔޫރަޕުގެ ގަދަ 5 ލީގުގައި ޓީމަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުނު އަދަދެވެ.

މީގެ އިތުރުން މި މޮޅާއި އެކީ އެޓްލާންޓާގެ ކޯޗު ޕިއެރީ ގަސްޕެރީނީ އަށް ވެސް ކެރިއަރުގައި ލިބުނު މިއީ ފުރަތަމަ ޓްރޮފީއެވެ. އެޓްލާންޓާއި ޓީމާއި 2016 ވަނަ އަހަރު ހަވާލުވި ފަހުން 2018 ވަނަ އަހަރު އޭނާ ވަނީ ޔުރޮޕާ ލީގަށް ޓީމު ގެންގޮސްދީފައެވެ. އަދި 2019 ވަނަ އަހަރު އެ ކުލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭނާ ވަނީ ޗެމްޕިއަންސް ލީގަށް ޓީމު ގެންގޮސްދީފައެވެ.