މިއަހަރުގެ ޖޫން 14 ގައި ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ މުބާރާތަށް މިހާރު ހުރިހާ ޓީމުތަކަކުންވެސް އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 'ވަގުތު ޔޫރޯ ފޯރި' އިން މިއަދު ބަލާލާނީ ޖަރުމަނުގައި އޮތް ޔޫރޯ މުބާރާތުގައި ޖަރުމަނާއި އެއް ގުރޫޕެއްގައި ވާދަ ކުރާ ސްވިޒަލޭންޑުގެ ޓީމަށެވެ.

މި ފަހަރުގެ މުބާރާތާއި ސްވިޒަލޭންޑު ޓީމުން ކުރިމަތި ލާއިރު މިއީ އެ ގައުމުގެ ތާރީހުގައި މި މުބާރާތުގައި ވާދަ ކުރާ 6 ވަނަ ފަހަރެވެ. މި ފަހަކަށް އައިސް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެން އައިސްފައިވާ ސްވިޒަލޭންޑު ޓީމުން މިހާރު އަންނަނީ ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޔޫރޯ މުބާރާތުގައި އެ ޓީމުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

1960 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފުރަތަމަ މުބާރާތުގައި އެ ޓީމުން ބައިވެރިވެފައެއް ނުވެއެވެ. ދެން ޖެހިގެން އައި 1964 އިން ފެށިގެން 1992 ވަނަ އަހަރާއި ހަމައަށް އެ ޓީމުން މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ. ނަމަވެސް 1996 ވަނަ އަހަރު އެ ޓީމުން މުބާރާތަށް ކޮލިފައި ވި ނަމަވެސް މުބާރާތުގެ ގުރޫޕު ސްޓޭޖުން ޓީމު ވަނީ ކަޓާފައެވެ. ދެން ޖެހިގެން އައި 2000 ވަނަ އަހަރު އެ ޓީމު ޔޫރޯ އަށް ކޮލިފައި ނުވާއިރު 2004 އަދި 2008 ގައިވެސް މުބާރާތުން އެ ޓީމު ޖާގަ ހޯދި ނަމަވެސް ވަނީ ގުރޫޕު ސްޓޭޖުން މުބާރާތާއި އަލްވަދާއު ކިޔާފައެވެ. އަދި 2012 ވަނަ އަހަރުވެސް އެ ޓީމު ކޮލިފައިވެފައެއް ނުވެއެވެ. 2016 ވަނަ އަހަރު އެ ޓީމުން ވަނީ މުބާރާތުން ޖާގަ ހޯދާ ގަދަ 16 އާއި ހިސާބަށް ދަތުރުކޮށްފައެވެ. އަދި އެންމެ ފަހު މުބާރާތުގައި އެ ޓީމު ވަނީ ކުއާޓާ ފައިނަލާއި ހިސާބަށް ދަތުރުކޮށްފައެވެ.

މިއަހަރުގެ މުބާރާތަށް ސްވިޒަލޭންޑު ނިކުންނާނީ 2004 ވަނަ އަހަރު ޔޫރޯ މުބާރާތުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި މުރާޓް ޔަކިންނެވެ. 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ވެސް ކޯޗުކަން ކޮށްދިން ޔަކިން ވަނީ ސްވިސް ލީގުގައި ބެސަލް އަށް ދެ ފަހަރު ތަށި ހޯދާދީފައެވެ. އަދި 2022 ގެ ވޯލްޑް ކަޕުގައި އޭނާ ވަނީ ޓީމު ގަދަ 16 އާއި ހިސާބަށް ގެންގޮސްދީފައެވެ.

މިހާތަނަށް އެ ޓީމުގެ ސްކޮޑު އިއުލާނުކޮށްފައި ނުވާއިރު ބެލެވޭ ގޮތުގައި އެ ޓީމަށް ނަގާނެ ކުޅުންތެރިން ހިއްސާ ކޮށްލާނަމެވެ.

ކީޕަރުން

ޔަން ސޮމާ (އިންޓާ މިލާން)، ވޮން މޮވޯގޯ (ލޮރިއެންޓް) އަދި ޑޭވިޑް ވަން ބަލްމޫސް (ޔަންގް ބޯއީސް)

ޑިފެންްޑަރުން

ކެވިން އެމްބާބޫ (އޮގްސްބާގް)، ސިލްވަން ވިޑްމަރ (މައިންޒް)، ނިކޯ އެލްވެޑީ (ބޮރޫޝިއާ މޮންޗެންގްލާޑް)، މެނުއަލް އަކަންޖީ (މެންޗެސްޓަރ ސިޓީ)، ރިކާޑޯ ރޮޑްރިގޭޒް (ޓޮރީނާ)، އުލިސެސް ގާސިއާ (މާސެއިލް)، ސެޑްރިކް ޔެސިގާ (ވުލްވްސްބާގް)، އެރައީ ކޮމާޓް (ނަންޓޭސް)، ފަބިއަން ސްކާ (ނިއުކާސަލް) އަދި ބެޗިރް އޮމަރެޖިޗް (މޮންޓްޕެލިއާ)

ސްވިޒަލޭންޑުގެ ކެޕްޓަން ގްރޭނިޓް ޒަކާ

މިޑްފީލްޑަރުން

ޑެނިސް ޒަކަރިއާ (މޮނާކޯ)، ރެމޯ ފްރިއުލާ (ބޮލޮގްނާ)، ގްރެނިޓް ޒަކާ (ބަޔާ ލެވަކޫސަން)، އުރަން ބިސްލިމީ (ލުގާނޯ)، މައިކަލް އައެބިޝާ (ބޮލޮގްނާ)، ޒާޑަން ޝަކީރީ (ޝިކާގޯ ފަޔާ)، ވިންސެންޓް ސިއެރޯ (ޓޫޅޫސް) އަދި ޑެރެކް ކުޓެސާ (ސާވެޓޭ)

ފޯވާޑުން

ޒެކި އަމްޑޫނީ (ބާންލީ)، ނޮއާ އޮކަފޯ (މިލާން)، ރެނާޓޯ ސްޓެފެން (ލުގާނޯ)، ރުބެން ވާގަސް (އޮކްސްބާގް) އަދި ޑަން އެންޑޮޔޭ (ބޮލޮގްނާ)

ބެލެވޭ ގޮތުގައި މިފަހަރު ޓީމުގެ ކެޕްޓަން ކަން ކުރާނީ ބަޔާ ލެވަކޫސަންގެ ތަރި ގްރެނިޓް ޒަކާއެވެ. އަދި ވައިސް ކެޕްޓަން ކަން ކުރާނީ ޝަކީރީއެވެ. މި ދެ ކުޅުންތެރިންނަކީ ޓީމުގައި ތިބި އެންމެ ތަޖުރިބާ ކާރު ދެ ކުޅުންތެރިންނެވެ.

ޖަރުމަނުގައި މިފަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލޭންޑް ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ސްވިޒަލޭންޑުގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާއި ސްކޮޑްލޭންޑްގެ އިތުރުން ހަންގޭރީއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ސްވިޒަލޭންޑަށް އަށް ފަސޭހައެއް ނުވާނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލޭންޑުން ކުޅޭ ފުރަތަމަ މެޗު އެ ޓީމުން ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ނިކުންނާނީ ހަންގޭރީ އާއި ދެކޮޅަށެވެ.