އިޓަލީގެ ރޯމާގެ މައްޗަށް 3-0 އިން ކުރި ހޯދާ ޗެމްޕިއަންސް ލީގުގެ ފެށުން، މި މުބާރާތް ފާއިތުވި ތިން އަހަރު ވެސް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ރަނގަޅުކޮށްފިއެވެ.

ގްރޫޕް ޖީ ގައި ހިމެނޭ މި ދެ ޓީމު ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި، ރެއާލްގެ ފަރާތުން ރީތި އަދި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ގޯލު ރެއާލް އަށް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އިސްކޯއެވެ. އިސްކޯ މި ގޯލު ކާމިޔާބުކުރީ ރޯމާގެ ޕެނަލްޓީއޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުންނެވެ.

މި ގޯލުގެ ކުރިން ރެއާލް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޯމާ އިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރޯމާގެ ސެންގިޒް ފޮނުވާލި އެ ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލް އިން ގޯލްޖަހާނެ އިތުރު ފުރުސަތުތައް ދިޔައީ ތަނަވަސްކުރަމުންނެވެ. އެގޮތުން ރެއާލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 58 ވަނަ މިނެޓްގައި ގެރެތް ބޭލް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަނުގައި މޮޅު ކުޅުމެއް ރެއާލްގައި ދައްކަމުން އަންނަ ބޭލް ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

އަދި ރެއާލްގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މަރިއާނޯއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ރޯމާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ރޭގެ މެޗަކީ މިދިޔަ ޓްރާންސްފާ މާކެޓުގައި ލިޔޯން ދޫކޮށްލުމަށްފަހު ރެއާލް އަށް ބަދަލުވިފަހުން މަރިއާނޯ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ގްރޫޕް ޖީ ގައި ރެއާލްގެ އިތުރުން ދެން ހިމެނެނީ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއެވެ. މި ގްރޫޕްގައި ރޭ ޕްލެޒެން އާއި ސީއެސްކޭއޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.