އަންނަ ޖުލައި މަހި ބާއްވަން ހަމަޖެހިފައިވާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ގައުމީ ކެރަމް މުބާރާތުގެ 33 ވަނަ މުބާރާތް ޖުލައި 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށާއި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ކެރަމް މުބާރާތުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 10 ޖުލައި 2024 ވާ ބުދަ ދުވަހުގެ ރޭ 22:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އެ މުބާރާތުގެ ގުރުއަތުލުން އޮންނާނީ 12 ޖުލައި 2024 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި ހުޅުމާލެ ކެރަމް އެރީނާގައެވެ. އެ މުބާރާތުގެ އެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް 140،000 ރުފިޔާ ވަނީ ޕްރައިޒް ޕޫލްގެ ގޮތުގައި ހަމަޖައްސާފައެވެ.

އަންހެން ފިރިހެން ދެކެޓަގަރީއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން އަންނަނިވި ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. އެގޮތުން:

ފިރިހެން (ކެޓަގަރީ A)

  • ހިނގަމުންދާ އަހަރު އަދި ފާއިތުވެދިޔަ 3 އަހަރު ގައުމީ ޓީމު އަދި ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިން
  • ފާއިތުވެދިޔަ 5 ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަން އަދި ރަނަރއަޕް
  • ފާއިތުވެދިޔަ 5 އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޗެމްޕިއަން އަދި ރަނަރއަޕް
  • ފާއިތުވެދިޔަ 3 އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަދި ގައުމީ މުބާރާތްތަކުން މުބާރާތެއްގެ ގަދަ 4 ގައި ހިމެނިފައިވުން
  • ފާއިތުވެ ދިހަ 10 ގައުމީ މުބާރާތު ސިންގަލްސް ޗެމްޕިއަން

އަންހެން (ކެޓަގަރީ A)

  • ހިނގަމުންދާ އަހަރު އަދި ފާއިތުވެދިޔަ 2 އަހަރު ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން
  • ފާއިތުވެދިޔަ 2 ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަން އަދި ރަނަރއަޕް
  • ފާއިތުވެދިޔަ 2 އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޗެމްޕިއަން އަދި ރަނަރއަޕް
  • ފާއިތުވެ ދިހަ 4 ގައުމީ މުބާރާތު ސިންގަލްސް ޗެމްޕިއަން

މި އުސޫލުތަކުގެ ދަށުން A ކެޓަގަރީއަށް ޝަރުތު ހަމަވާ ފިރިހެން އަދި އަންހެން ކުޅުންތެރިންގެ ލިސްޓު ވެސް އެ އިއުލާނާއެކީ ވަނީ ގެޒެޓްކޮށްފައެވެ.

އެ މުބާރާތުގައި 6 ޓީމާއި 11 ޓީމާއި ދެމެެދުގެ އަދަދަކަށް ޓީމް ބައިވެރިވާ ނަމަ ޓީމްތައް ދެގުރޫޕަކަށް ބަހައިލެވޭނެ ކަމަށާއި 12 ނުވަތަ އެއަށްވުރެ ޓީމް އިތުރުވެއްޖެނަމަ 4 ގުރޫޕަށް ބަހާލައިގެން މުބާރާތް ކުރިޔަށް ގެންދާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ހަމައެއާއެކު މުބާރާތުގެ ބައިވެރިވުމުގެ އިންޑިވިޖުއަލް ފީއެއްގެ ގޮތުން 150 ރުފިޔާ ކޮންމެ ކުޅުންތެރިޔަކު ހުށަހަޅަންޖެހެއެވެ. 18 އަހަރު ނުފުރޭ ކުޅުންތެރިއެއް ނަމަ 75 ރުފިޔާ ހުށަހަޅަންޖެހެއެވެ. ޓީމް ފީއެއްގެ ގޮތުގައި 1500 ކޮންމެ ޓީމަކުން ހުށަހަޅަން ޖެހޭނެއެވެ.