ހަ ވަނަ އޭޝިއަން ޗެމްޕިއަންޝިޕް މިއަދު ރާއްޖޭގައި ފަށައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއާއެކު ހަތް ގައުމެއްގެ 100 އަށްވުރެ ގިނަ ކުޅުންތެރިންގެ ކުޅުން ފެނިގެންދާއިރު މި މުބާރާތުގައި ވާދަކުރާ ގައުމު ތަކަކީ ރާއްޖެ، އިންޑިއާ، ބަންގަލަދޭޝް، ދެކުނު ކޮރެއާ، ސްރީލަންކާ، މެލޭޝިޔާގެ އިތުރުން ސިންގަޕޫރެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް ތިބުމަށް ހަމަޖެހިފައިވަނީ ދިމްޔާތުގައެވެ.

ހަ ވަނަ އޭޝިއަން ކެރަމް މުބާރާތުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މިފަހަރު ބާއްވާ "އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ ދުވަހު ކުޅުމުގައި ރާއްޖޭން މިހާތަނަށް ކުޅުނު ސްވިސް ލީގު މެޗުތަކުގެ ތެރެއިން ގިނަ މެޗުތައް ކާމިޔާބުކުރިއިރު، ނާކާމިޔާބުވެފައިވަނީ މަދު މެޗުތަކެކެވެ.

މި މުބާރާތައް ރާއްޖޭގެ ޓީމުތަކުން ތައްޔާރުވުމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ދެ ކުޅުންތެރިންގެ އިރުޝާދާ އެކުގައެވެ.

އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މިމުބާރާތުގައި އެންމެ ކުޑަމިނުން ފައިނަލަށް ދިއުމުގެ އަޒުމުގައި ދިވެހި އަންހެން ޓީމު އޮތްއިރު، ފިރިހެން ޓީމު އަމާޒު ހިފާފައިވަނީ މުބާރާތް ކާމިޔާބު ކުރުމަށެވެ.

10 އަހަރަށްފަހު މި މުބާރާތް ބާއްވާއިރު، އޭޝިއާ ސަރަހައްދުގައި ޓޮޕް ލެވެލްގައި ކެރަމް ކުޅޭ 12 ގައުމުގެ ތެރެއިން ގިނަ ގައުމުތައް މި މުބާރާތުގައި ބައިވެރިވެއެވެ.

މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަދެވޭއިރު، ސޯޝަލް ސެންޓަރުގެ ބޭރުގައި ހުންނަ ބޮޑުއިސްކްރީނުން މެޗުތައް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކެރަމް އެސޯސިޢޭޝަންގެ ފޭސްބުކް ޕޭޖުން ލައިވް ވެސް ކުރާނެއެވެ.