މުޅިން އަލަށް ބޭއްވި ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި ފާތިމަތު ރަޔާނާ ހޯދައިފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 27 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ކުޅެފައިވަނީ އަންހެން އަދި ފިރިހެން ސިންގަލްސްގެ އިތުރުން ޑަބަލްސް އިވެންޓެވެ.

ކެރަމް އެރީނާގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ ހަސަން ނާޒިމް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ގެންދިޔައީ، 25-21، 24-11 އިންނެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ތިންވަނަ މަގާމަށް ހޮވުނީ އަހުމަދު އިކްލީލް އެވެ.

އަންހެން ސިންގަލްސް ފައިނަލްގައި ރަޔާނާ ވަނީ ސީދާ ދެ ސެޓުން އައިމިނަތު ވިދާދް ބަލިކޮށް، އެއްވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ރަޔާނާ ގެންދިޔައީ، 24-17، 25-10 އިންނެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ ހޯދިއިރު، މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ ފައިނަލްގައި ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވިދާދް އާއި ނަހުފާގެ ޕެއާ ގެންދިޔައީ، 21-18، 25-10 އިންނެވެ.

ފިރިހެން ޑަބަލްސް ފައިނަލްގައި އާދަމް އަދީލް އާއި އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އަލީ އާޒިމް އާއި މުޙައްމަދު މުންތަސިރުގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް އާއި އަޒްމީންގެ ޕެއާ ގެންދިޔައީ، 16-11، 24-21 އިންނެވެ.

މި ފަހަރުގެ މުޅިން އަލަށް ބޭއްވި މުބާރާތުގެ ޑަބަލްސް އިވެންޓްގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭގޮތަށް މުޅި ޖުމްލަ 50 އެއްހާ ކުޅުންތެރިން ވާދަކުރިއިރު، ސިންގަލްސް އިވެންޓްގައި 40 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.