މިހާރު ކުރިއަށްދާ ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޑަބަލްސްގައި ވާދަކޮށް އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ގެ ޕެއާރ ސިލްވަރ މެޑަލް ހޯދައިފިއެވެ.

މި މަހުގެ 27 އިން ފެށިގެން ސޯސަލް ސެންޓަރުގައި ކުރިއަށްދާ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި އަޒްމީން އާއި ނާޒިމް ގެ ޕެއާއިން ސިލްވަރ މެޑަލް ހޯދީ ރޭ ކުޅުނު ޑަބަލްސް ފައިނަލުގައި އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާގެ ޕެއާރ އާ ވާދަކޮށްގެންނެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް- ފޮޓޯ: ސިޑިބަރި

އަޒްމީން އާއި ނާޒިމްގެ ޕެއާރ ޑަބަލްސް ފައިނަަލަށް ދިޔައީ ސިންގަޕޫރުގެ ލީނަސް ޕޯލް އާއި ބާލާޖީގެ ޕެއާރ އާއި ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އާއި އެމްޑީ އަލީގެ ޕެއާރ ބަލިކޮށްފައެވެ.މީގެއިތުރުން މި މުބާރާތުގައި ރާއްޖޭގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާރ ވެސް ވަނީ ސެމީ ފައިނަލުގައި ކުޅެފައެވެ. ނަމަވެސް މި ޕެއާރ ސެމީގައި އިންޑިއާގެ ރަޝްމީ ކުމާރީ އާއި ކޭ. ނަގާޖޯތީގެ ޕެއާރ އާއި ވާދަކޮށް ވަނީ ބަލިވެފައެވެ.

.އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 10 އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ރާއްޖޭގައި ބާއްވާފައިވާިއރު މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ.މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް- ފޮޓޯ: ސިޑިބަރި

މި މަހުގެ 27 އިން އަންނަ މަހުގެ 1 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދެއެވެ.