ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގެ މެޗުތައް މިއަދު ފަތިހު ނިމުނު އިރު ގުރޫޕު ޑީ ގެ ދެވަނަ ހޯދާ ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ނަމަވެސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ އަށް ކުއާޓާ ފައިނަލުގައި ނުކުޅެވޭނެއެވެ.

ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާއި އެކީ ވިނީ އަށް ވަނީ މުބާރާތުގައި ދެ ރީނދޫ ކާޑު ހަމަވެފައެވެ. އެހެން ކަމުން ކުރިއަށް އޮންނަ މެޗަށް ސަސްޕެންޑު ވާނެއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑު ވިނީޝިއަސް އަށް ފުރަތަމަ ރީނދޫ ކާޑެއް ދައްކާފައި ވަނީ ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުގައި ޕެރެގުއޭ އާއި ދެ ކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ފުރަތަމަ ކާޑު ދެއްކި އިރު ދެ ވަނަ ކާޑު ދައްކާފައި ވަނީ މިއަދު ފަތިހު ކުޅުނު މެޗުގައި މެޗުގެ ވަރަށް ކުރީ ކޮޅެވެ.

ކޮޕާ އެމެރިކާގައި ދެ ރީނދޫ ހަމަވުމާއި ގުޅިގެން ކުއާޓާ ގައި ވަނީ އަށް ނުކުޅެވޭނެ

އެހެންކަމުން މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ދެ މެޗެއްގައި ދެ ރީނދޫ ކާޑު ހަމަވެއްޖެ ނަމަ އެ ކުޅުންތެރިއަކަށް އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. އެގޮތުން ވިނީޝިއަސް އަށް މި ގެއްލެނީ މުބާރާތުގެ އެންމެ މުހިއްމު އެއް މެޗެވެ.

ގުރޫޕުގެ ދެވަނަ ލިބުމާއި އެކީ ކުއާޓާ ފައިނަލުގައި ބްރެޒިލް ވާދަ ކުރަން ޖެހެނީ ގުރޫޕް ސީ ގެ އެއްވަނަ ހޯދި އުރުގުއޭ އާއެވެ.

އުރުގުއޭ އަދި ބްރެޒިލް އަކީ ސައުތު އެމެރިކާގެ ފުޓުބޯޅައިގެ ގަދަ ދެ ބާރެކެވެ. މީގެ ކުރިން މި ދެ ޓީމު އެކި މުބާރާތް ތަކުގަ އާއި ރަހުމަތްތެރިކަމުގެ މެޗުތައް ހިމެނޭހެން 78 މެޗު ކުޅެފައިވެއެވެ. މީގެ ތެރެއިން 38 މެޗު ކާމިިޔާބުކޮށްފައި ވަނީ ބްރެޒިލެވެ. 20 މެޗުން ދެ ޓީމު އެއްވަރުވެފައިވާ އިރު ބާކީ ކުޅެވުނު 21 މެޗު ކާމިޔާބު ކޯށްފައިވަނީ އުރުގުއޭ އެވެ.

ކޮޕާ އެމެރިކާ 2024 ގެ ކުއާޓާ ފައިނަލުގައި އުރުގުއޭ އަދި ބްރެޒިލް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ފަތިހު ރާއްޖެ ގަޑިން 06:00 ގައެވެ.