ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހްއަށް އަރައިގަތުން ބްރެޒިލްއިން ކުށްވެރިކޮށްފިއެވެ.

ބްްރެޒިލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ރަފާހުގައި އޮޕަރޭޝަން ފެށުމާއި އެކީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާނެ ކަމަށެވެ.

ބްރެޒިލްއިން ބުނީ، ބައިނަލްއަގުވާމީ ކޮމިއުނިޓީތަކުން ރަފާހަށް ނޭރުމަށް ގޮވި ނަމަވެސް ނިރުބަވެރިން ނިންމައިގެން ތިބީ އާންމުންގެ މީހުން އެންމެ ގިނަ ސަރަހައްދެއްގައި އެމީޙުންގެ އޮޕަރޭޝަންތައް އިތުރު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެކަން ބްރެޒިލްއިން ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ އެންމެ މުހިންމު ރަފާހް ކްރޮސިންގެ ކޮންޓްރޯލް ނަގައި، ޣައްޒާގެ ދެކުނުގެ އަވަށަށް ރޭ ވަނީ ވަދެގަނެވެފައެވެ. ވައިގެ މަގުން އެސަރަހައްދަަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި އެކީ، މިހާރު ހަނގުރާމަ ހުއްޓާލުމާއި ބެހޭ މަޝްވަރާ ބައްދަލުވުންތަކަށް ވަނީ ބުރޫ އަރާފައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ ރަފާހުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައެވެ. އެގޮތުން ރަފާހުގެ މިސްކިތެއް އެއްކޮށް ސުންނާފަތި ކޮށްލުމަށް އެ މިސްކިތަށް "އިންޒާރުގެ" މިސައިލެއް ވަނީ ދީފައެވެ. އަދި އާންމުން ދިރިއުޅޭ ގެތަކަށް ދިން ހަމަލާގައި ރޭ އެކަނި 23 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.