ޑޭވިޑް ލުއިޒް ޗެލްސީގައި މަޑުކުރާނީ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަޒީފާއިން ވަކިކުރުމުންކަމަށް ލުއިޒް ބުނިކަމަށް ބުނާ މީޑިޔާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

އެ ރިޕޯޓްތަކުގައި ބުނާގޮތުންނަމަ އެންޓޯނިއޯ ކޮންޓޭ ޗެލްސީގައި ނެތުމަކީ ޑޭވިޑް ލުއިޒްގެ ކެރިއަރު އުޖާލާވުމުގެ ނިޝާނެކެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ކޮންޓޭ އާއި ލުއިސްޒްގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެފައިވާއިރު އެންޓޯނިއޯ ކޮންޓޭ ވަނީ ދެ ފަރާތުގެ ގުޅުންވެސް އޮތީ ހަމަ ރަނގަޅަށްކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޮންޓޭ ވަނީ މިފަހަކަށް އައިސް ޑޭވިޑް ލުއިޒްގެ ބަދަލުގައި އަންޑްރިއަސް ކްރިސްޓިއަންސަން ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމަނަން ފަށައިފައެވެ.

ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ލުއިޒް އަކީ ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ. އޭނާ ޕީއެސްޖީގައި ހޭދަކުރި މަދު ސީޒަންތަކަށްފަހު އެނބުރި ޗެލްސީއަށް އައުމުން އޭނާއަށް ޗެލްސީގެ ގިނަ ސަޕޯޓަރުން މަރުހަބާ ކީއިރު އޭނާ ވަނީ އޭނާ އަލުން އެނބުރި އައި ފުރަތަމަ ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކުވައިދީފައެވެ. އެހެންނަމަވެސް އޭގެ ފަހުން ޗެލްސީގައި ލުއިޒްއަށް ކުޅެން ލިބޭ ފުރުސަތުތައް މަދުވެފައިވާއިރު ކްރިސްޓިއަންސަން އަދި އޭގެ ފަހުން ގެނެވުނު ޑިފެންޑަރ އެންޓޯނިއޯ ރުޑިގާރ ވަނީ ޗެލްސީގެ ޑިފެންސްގެ މައި ޕޮޒިޝަންތައް ހިސާރުކޮށްފައެވެ.

މިއާއިއެކު ލުއިޒް ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅެމުންދާކަމަށް ބުނާ ރިޕޯޓްތަކެއް ވެސް ވަނީ އާންމުވެފައެވެ. ލުއިޒް ދާނެ ވަކި ކުލަބެއް އަދި ހާމަވެފައިނުވާއިރު އޭނާ ހުރީ ކޮންމެ ކުލަބަކަށްވިޔަސް ކުޅުމުގެ ފުރުސަތު ލިބޭނަމަ ދާން ތައްޔާރަށްކަމަށް އެ ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިހާރު ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށްފިނަމަ އޭނާއަށް އަލުން ޗެލްސީގައި ފުރުސަތު ލިބިދާނެތީ މަދުކުރުމަށް ލުއިޒް ވިސްނަމުންދާކަމަށްވެސ ވަނީ މި ރިޕޯޓްތަކުގައި ހާމަކޮށްފައެވެ.