2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅޭ މައްސަލަ އަލުން ބެލުމަށް އެމެރިކާގެ ލަސް ވޭގަސްގެ ފުލުހުންގެ އިދާރާ އިން ނިންމައިފިއެވެ.

މި ތުހުމަތު ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. ޖަރުމަނުގެ މެގަޒިން އަކަށް މަޔޯގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް މި މައްސަލަ ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅި ކަމަށް މަޔޯގާ ބުނެފައިވެއެވެ.

އަދި މި ހާދިސާގެ ވާހަކަ އާއްމުންގެ މެދުގައި ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށްވެސް މަޔޯގާ ބުނެފައިވެއެވެ.

ލަސް ވޭގަސްގެ ފުލުހުންގެ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ޖިންސީ އަނިޔާއެއްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި އޭރު އެ މައްސަލަ ހުށަހެޅި ފަރާތުން އެކަން ހިނގީ ކޮން ތަނެއްގައިކަން އަދި އެކަމުގައި ޝާމިލުވަނީ ކޮން ފަރާތެއްކަން ވެސް ހާމަކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތުން ފޯރުކޮށްދިން އިތުރު މައުލޫމާތުތަކާ އެކީ މި މައްސަލަ އަލުން ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތަށް ހިއްސާކުރެވެން ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރޭޕްގެ ތުހުމަތު ރޮނާލްޑޯ އަށް ކުރެވިފައިވާއިރު އޭނާ ބުނީ އެ މެގަޒިންގައި އާއްމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިއީ އޭނާގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން ބައެއް ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.

"އެމީހުން ބޭނުންވަނީ އަހަރެންގެ ނަން ޕްރޮމޯޓް ކުރަން. އެއީ ނޯމަލް ކަމެއް" ރޮނާލްޑޯ ބުންޏެވެ.

މި ވާހަކަތައް ރޮނާލްޑޯ ދޮގުކޮށްފައިވާއިރު އޭނާގެ ގާނޫނީ ވަކީލު ކްރިސްޓިއަން ސަންޗޭޒް ވަނީ މި ހަބަރު އާއްމުކުރި ޖަރުމަނުގެ މެގަޒިންއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ފެށުމަށް ރޮނާލްޑޯ އަންގާފައިވާ ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މިސޮރުގެ ޤާނޫނީ އަތް ހާދަ ދިގެވެ.

  2. ފޭން

    ކޮންކަމެއްމީދެން ރޮނާލްޑޯ ބޮލުގަ ކޮންމެ ވެސް ތުހުމަތް އަޅުވަ އަޅުވަ އަބަދު..