ކުޅުމުގެ ފުރުސަތު ބާސެލޯނާގައި އެކަށީގެންވާ ވަރަށް ނުލިބޭތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބަޔާން މިއުނިކުން ބާސާ އަށް ބަދަލުވި ވިޑާލް އަށް ބާސާ އިން އެންމެފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ލިބިފައެއް ނުވެއެވެ.

އެކުވެރިކަމުގެ މެޗެއް ކުޅުމަށް ޗިލީގެ ގައުމީ ޓީމާއެކު މިވަގުތު އެމެރިކާގައި ވިޑާލް ހުރިއިރު އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަމުން އޭނާ ބުނީ ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި މަޝްހޫރު ބޮޑެތި ކްލަބުތަކުގައި މީގެކުރިން މަސައްކަތްކުރި ގޮތަށް ބާސާގައި ވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

"ފިޒިކަލީ ގޮތުން އަހަރެން މިހުރީ ރަނގަޅު ހާލަތެއްގައި. ފާއިތުވި މެޗުތަކުގައި ކަންތައްތައްވި ގޮތާއި މެދު އަހަރެން ހިތްހަމައެއް ނުޖެހޭ. މީގަ އޮތީ ބުރަކޮށް މަސައްކަތް ކުރުން. ސީޒަނުގައި އަދިވެސް މުހިއްމު މެޗުތަކެއް އެބަހުރި. ވާގޮތެއް ބަލަމާ" ވިޑާލް ބުންޏެވެ.

ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ބާސާގެ ކޯޗު ވަލްވާޑޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށް ވެސް ވިޑާލް ބުންޏެވެ.

"އެއްވެސް މައްސަލައެއް އޮތްނަމަ ސީދާ ކޯޗު ކައިރީ އެވާހަކަ އަހަރެން ބުނާނަން" ވިޑާލް ބުންޏެވެ.

ސްޕެނިޝް ލީގުގައި އެންމެފަހުން ވެލެންސިޔާއާ ބައްދަލުކޮށް ބާސާ 1-1 އިން އެއްވަރުވުމުން އެޓީމަށް ވަނީ ލީގުގެ އެއްވަނަ މަގާމުވެސް ގެއްލިފައެވެ. 15 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި ބާސާ އޮތްއިރު އެއްވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ސެވިއްޔާއެވެ.