ޕްރިމިއަރ ލީގުގައި ރޭ ވޮޓްފޯޑް އާއި ބައްދަލުކުރި މެޗު 0-3 އިން އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ހަވަނައިގައި އާސެނަލް މިހާރު އޮތީ 48 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ވޮޓްފޯޑް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ އަށްވަނަ މިނެޓްގައި މުސްތާފީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އޮބަމަޔަންގް ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ވޮޓްފޯޑް އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ ކެޕްޓަން، ޑީނީ ފޮނުވާލި އެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ޗެކް ވަނީ ދިފާއުކޮށްފައެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެންރިކް މިކިތާރިޔަންއެވެ.

ރޭގެ މެޗަކީ ދެ މެޗަށްފަހު ލީގުގައި އާސެނަލް އިން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުތަކުން އާސެނަލް ވަނީ ބަލިވެފައެވެ.

އާސެނަލްގެ އިތުރުން ރޭ ޓޮޓެންހަމް އިން ވަނީ ފަހަތުން އަރާ 1-4 އިން ބޯންމަތްގެ މައްޗަށް ކުރި ހޯދާފައެވެ. ރޭގެ މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސޮންއެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެލެ އަލީ އާއި އައުރިއޭއެވެ.

މި މޮޅާއެކު 61 ޕޮއިންޓާ އެކު ޓޮޓެންހަމް މިހާރު ވަނީ ލީގުގެ ތިންވަނަ މަގާމަށް އަރާފައެވެ. ބޯންމަތް އޮތީ 33 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.