ޗެމްޕިއަންސް ލީގުގައި ރޭ އުނދަގޫތަކަކަށްފަހު ޗެކް ރިޕަބްލިކްގެ ވިކްޓްރޯއިާ ޕްލެޒެން އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މި މޮޅާއެކު ރެއާލް މިހާރު އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ޖީގެ އެއްވަނައިގައެވެ. ހަމަ އެ އަދަދަށް ގްރޫޕްގެ ދެވަނައިގައި އޮތް ރޯމާ އަށް ވެސް ޕޮއިންޓު ލިބިފައިވާއިރު ރެއާލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު ސީއެސްކޭއޭ މޮސްކޯ އޮތްއިރު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ޕްލެޒެންއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ކާމިޔާބުކުރި 57 ވަނަ ގޯލެވެ. މި ގޯލަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ބެންޒެމާ އާއި އިސްކޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ނަތީޖާ އެއްވަރުކޮށްލަން ޕްލެޒެން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ރެއާލްގެ ގޯލު ކުރިމަތީ ހުހަށް ހުރެ އެޓީމުގެ ޕެޓްރިކް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. މި ފުރުސަތުގެ ބޭނުން ޕްލެޒެން އަށް ނުހިފުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފްގެ ކުރީކޮޅު މާސެލޯ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނުމެވެ.

މި މެޗުގައި ޕްލެޒެން އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޓްރިކްއެވެ. މި ގޯލަށްފަހު މެޗުގެ ފަހު 10 މިނެޓްގައި ރެއާލްގެ ފަހަތަށް ޕްލެޒެން އިން ބާރުބޮޑު ކުރި ނަމަވެސް އިތުރު ގޯލެއް އެޓީމަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މި މެޗުން ރެއާލް މޮޅުވިއިރު، މިއީ ތިން މެޗަށްފަހު ރެއާލް އަށް ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން ރެއާލް އިން ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.