ލެސްޓަ ސިޓީގެ އޯނަރު އަދި ތައިލެންޑުގެ ބިލިއަނަރު ވިޗާއި ސްރިވަދައްނަޕްރަބަގެ ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑުން 1-1 އިން އެއްވަރުވި މެޗަށްފަހު، ލެސްޓާގެ ސްޓޭޑިއަމް ކަމަށްވާ "ކިންގް ޕަވާ ސްޓޭޑިއަމް" އިން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސްޓޭޑިއަމްގެ ބޭރުގައި ކާރު ޕާކު ކުރުމަށް ހަދާފައިވާ ސަރަހައްދަށެވެ.

ލެސްޓަ ސިޓީގެ އޯނަރުގެ ހެލިކޮޕްޓަރު

މި ހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި އެވަގުތު ލެސްޓާގެ އޯނަރު ވިޗާއި ހުރިކަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

ލެސްޓަ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ބެލުމަށް ވިޗާއި އަބަދުވެސް އަންނަނީ ހެލިކޮޕްޓަރުގައެވެ.

ވިޗާއި ސްރިވަދައްނަޕްރަބަ

އުމުރުން 61 އަހަރުގެ ވިޗާއި ލެސްޓަ ސިޓީ ގަނެފައިވަނީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. އަދި 2014 ވަނަ އަހަރު ލެސްޓާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވިއިރު، ގިނަ ބަޔަކު ސިއްސުވާލުމަށްފަހު ލެސްޓާ އިން ވަނީ 2015/16 ވަނަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގެ ޕްރިމިއާ ލީގުގައި ލެސްޓާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ޕްރިމިއާ ލީގު ކާމިޔާބު ކުރުމުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ވެސް ލެސްޓާ އަށް ލިބިފައިވެއެވެ. އެގޮތުން އެ މުބާރާތުގެ ކުއާޓާފައިނަލާއި ހިސާބަށް ލެސްޓާ ދަތުރުކޮށްފައިވެއެވެ.