މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ދަށުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ އެންޒޯ މަރެސްކާއާއި ލެސްޓާ ފުޓްބޯޅަ ކްލަބްގެ ކޯޗްކަން ހަވާލުކޮށްފިއެވެ.

އިޓަލީއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ މަރެސްކާއާއި މި މަގާމު ހަވާލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.

މި ވަގުތު ލެސްޓާ ހިންގުމާއި ހަވާލުކޮށްފައިވާ އިންޓަރިމް ކޯޗް ޑީން ސްމިތްއަށް ވަނީ ލެސްޓާއަށް ޕްރެމިއާ ލީގްގެ މެޗްތަކުން ކުރިއެއް ހޯދާ ނުދެވިފައިއެވެ. އެހެންކަމުން، މެންޗެސްޓާ ސިޓީއަށް ޓްރެބްލް ހޯދާދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ޕެޕް ގާޑިއޯލާގެ ދަށުން މަސައްކަތްކުރާ މީހަކު ކޯޗްކަމަށް ގެނެވުމަކީ ލެސްޓާއަށް އުންމީދީ ކަމެއްގެ ގޮތުގައި ބަލައިގެން، މަގާމަށް މަރެސްކާ އައްޔަންކުރެވިފައިވާ ކަމުގައި ފުޓްބޯޅަ ދިރާސާކުރާ މީހުން ގަބޫލުކުރެއެވެ.

މަގާމާއި ހަވާލުވުމާއިއެެކު، މަރެސްކާ ވަނީ ކުރިއަށް އޮތީ ބޮޑު ސީޒަނެއްކަން ފާހަގަކޮށްފައިއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކުޅެވޭނެ އެންމެ ރަނގަޅު ފެންވަރަކަށް ކުޅުމަށްފަހު، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ދެނެގަނެ، އެއަށް މަސައްކަތްކުރުމަކީ އަމާޒެއް ކަމުގައި ބުނެފައިއެވެ.

މަރެސްކާ ވަނީ މެންޗެސްޓާ ސިޓީގެ 23 އަހަރުން ދަށުގެ ޓީމަށްވެސް ކޯޗްކަން ކޮށްދީފައިއެވެ.

2021 ވަނަ އަހަރުގައި މަރެސްކާ ވަނީ އިޓަލީގެ ސީރީ އޭއަށް ކުޅުނު ކްލަބެއް ކަމުގައިވާ ޕާރމާއަށް 180 ދުވަސް ވަންދެން ކޯޗްކަން ކޮށްދީފައިއެވެ. އެހެން ނަމަވެސް، މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ވަނީ 14 މެޗްތަކުގެ ތެރެއިން އެންމެ 4 މެޗުން މޮޅުވެގެން، ރެލިގޭޝަނާއި ކުރިމަތިލާންޖެހިފައިއެވެ.

ލެސްޓާގެ ކޯޗްކަމާއި މަރެސްކާ ހަވާލުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.