ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ހުލެން ލޮޕެޓެގީ ވަކިކޮށްފިއެވެ.

ރެއާލްގެ ކޯޗު ކަމުގެ މަގާމުން އުމުރުން 52 އަހަރުގެ ލޮޕެޓެގީ ވަކިކުރިކަން އެ ކްލަބުން ޔަގީން ކޮށްދީފައިވާ އިރު، ވަގުތީ ގޮތުން ކްލަބުގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ ރެއާލްއަށް ކުރިން ކުޅުނު ސަންތިއާގޯ ސޮލާރީއާއެވެ.

ލޮޕެޓެގީއަކީ އެޓީމަށް ތިންފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު، ޒައިނުއްދީން ޒިދާންގެ ބަދަލުގައި ޖޫން މަހު ކްލަބާ ހަވާލުވި ކޯޗެކެވެ. ސްޕެއިންގެ ކޯޗު ކަމުގައި ހުރެ ރެއާލްއާއެކު އެއްބަސްވުމަކަށް އައުމުން، ވޯލްޑް ކަޕް ފެށެން އެއް ދުވަހަކަށް ވެފައިވަނިކޮށް ސްޕެއިން ޓީމުން ލޮޕެޓެގީ ވަކިކޮށްފައިވާ އިރު، ވޯލްޑް ކަޕާ ހަމައަށް ސްޕެއިންއާއެކު އޭނާ ހޭދަކުރީ ކާމިޔާބު ދުވަސްތަކެކެވެ.

ރެއާލްއާ ހަވާލުވެ ލޮޕެޓެގީއަށް ކުރިމަތިވީ ބޮޑު ޗެލެންޖެކެވެ. ކްލަބުގައި ނުވަ އަހަރު ހޭދަކުރުމަށްފަހު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މި ސީޒަންގައި ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އޭނާއާ ނުލާ ރެއާލްއަށް މި ސީޒަންގެ ފެށުން ދިޔައީ ދަށްކޮށެވެ. ލީގާއި ޗެމްޕިއަންސް ލީގުގައިވެސް ރެއާލްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ރެއާލްއަށް 15 ޕޮއިންޓް ލިބިފައިވާ އިރު، މި ސީޒަންގައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯގައި ރެއާލްއިން ރޭ ބާސެލޯނާ އަތްދަށުވީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި ސީޒަނަކީ 2001-02 ވަނަ އަހަރުގެ ސީޒަނަށްފަހު ރެއާލްގެ ތާރީހުގައިވެސް އެންމެ ދަށްކޮށް ފެށި ސީޒަނެވެ.

ލޮޕެޓެގީ މަގާމުން ވަކިކޮށްފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެޓީމާ ހަވާލުވުން އެންމެ ގާތީ މިދިޔަ ދެ ސީޒަންގައިވެސް ޗެލްސީގެ ކޯޗު ކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭއެވެ.