ރެކޯޑް އަގަކަށް ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ ޕީއެސްޖީގެ ކުރިމަގާ މެދު ވާހަކަދެއްކުމަށް ޕީއެސްޖީގެ ރައީސް އަލް ހަލައިފީ ބްރެޒިލް އަށް ދިއުމަށް ނިންމައިފިއެވެ.

ސްޕެއިންގެ ފްޓްބޯޅަ ޚަބަރުތަށް އެންމެ ޔަގީންކަމާއެކު ގެނެސްދޭ "މާސާ" ގައި ރިޕޯޓްކޮއްފައިވާ ގޮތުން ޕީއެސްޖީގެ ރައީސް އަލް ހަލައިފީއާއި އެ ޓީމްގެ ސްޕޯޓިން ޑައިރެކްޓަރ އަންޓެރޯ ހެންރިކް މިއަންނަ ހަފްތާގައި ނޭމާއާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށްޓަކައި ބްރެޒިލްއަށް ފުރާނެއެވެ.

މި ދަތުރުގައި ނޭމާގެ ސިއްޙީ ހާލަތާއި ނޭމާ އިތުރަށް ޕީއެސްޖީގައި މަޑުކުރަން ބޭނުންތޯ ބަލާނެކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ޕީއެސްޖީ އިން ނޭމާ އާއި ބައްދަލުކުރުމަށް ނިންމާފައިވާ މި ދަނޑިވަޅަކީ ޕީއެސްޖީގައި ނޭމާގެ ހިތްހަމަ ނުޖެހުން ތަކެއް ހުރިކަމަށާއި، ބާސެލޯނާއާއި ވާދަވެރި ރިއަލް މެޑްރިޑްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދުވަސްކޮޅެއްގައެވެ.

ނޭމާ އެބުރި ބާސެލޯނާއަށް ދާންބޭނުންވާކަމަށްވެސް ބައެއް މީޑިޔާ ތަކުގައި ފަހަކަށް އައިސް ވަނީ ރިޕޯޓް ކޮށްފައެވެ. ނޭމާ ޕީއެސްޖީ އަށް ބަދަލުވެފައިވަނީ ރެކޯޑް އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. ނޭމާ އާއި ޕީއެސްޖީ އާއި ދެމެދު މައްސަލަތަކެއް އުޅޭކަން ދަނޑުމަތިން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ޕެނަލްޓީ ޖެހުމުގައި އެޓީމްގެ ކަވާނީއާއި ނޭމާއާއި ދެމެދުގައި ވަނީ ބަހުސްތަކެއް ވެސް ހިނގާފައެވެ.

ނޭމާ މިވަގުތު ހުރީ އަނިޔާއަށް ފަރުވާ ކުރުމަށްޓަކައި ބްރެޒިލްގައެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ރިއަލް މެޑްރިޑް އާއި އެކުގައި ކުޅެވުނު ޗެމްޕިއަންސް ލީގްގެ މެޗްގައި ނޭމާ ކުޅެފައެއް ނުވެއެވެ. ރިއަލް މެޑްރިޑް ދަނޑުގައި ކުޅުނު އެމެޗުން ޕީއެސްޖީ ވަނީ ބަލިވެފައެވެ.