ރެއާލް މެޑްރިޑްގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ރޭ ކުޅުނު ފުރަތަމަ މެޗުން އެޓީމު ރޭ މޮޅުވެއްޖެއެވެ.

ސްޕެނިޝް ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ ރެއާލް ރޭ މޮޅުވީ ސްޕެނިޝް ކަޕްގެ ތިންވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ މެލީލާ އާއި ބައްދަލުކޮށް 4-0 އިންނެވެ.

ރެއާލްގެ ކޯޗުކަން ސޮލާރީ އާއި ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ، އެ ކްލަބުގެ ކޯޗަކަށް ހުރި ހޫލެން ލޮޕެޓެގީ މަގާމުން ވަކި ކުރުމަށްފަހުއެވެ. ސޮލާރީ މިހާތަނަށް ހުރީ ރެއާލްގެ ބީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައެވެ.

މެލީލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ރެއާލް އަށް މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި މާކޯ އެސެންސިއޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ޑިފެންޑަރު އޮޑްރިއޮޒޯލާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓޯ ގޮންޒާލޭޒްއެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ރެއާލް އަށް އެންމެފަހުން ސްޕެނިޝް ކަޕް ކާމިޔާބު ކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ.

ރެއާލްގެ އިތުރުން ސްޕެނިޝް ކަޕް ފާއިތުވި ހަތަރު އަހަރުވެސް ކާމިޔާބުކޮށްފައިވާ ބާސެލޯނާ ވެސް ރޭ ވަނީ ތިންވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކޮށްފައެވެ. ބާސާ އެ މެޗުން މޮޅުވީ ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކަލްޗަރަލް ލިއޯނެސާ އާއި ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ބާސާ އަށް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލެންގްލޭއެވެ.