ފިލިޕް ކުޓީނިއޯގެ ގޯލަކާ އެކު ސްޕެނިޝް ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި 0-2 އިން ވެލެންސިޔާ ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-1 އިން ކާމިޔާބުކުރީ ބާސާ އިން ކަމަށްވާއިރު އެޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 0-3 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެލެންސިޔާ އަށެވެ. ނަމަވެސް ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވެލެންސިޔާގެ ރޮޑްރިގޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބާސާ އިން ވަނީ ލީޑު ނަގާފައެވެ. ސުއަރޭޒް ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ކުޓީނިއޯއެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ބާސާ އަށް ބަދަލުވި ކުޓީނިއޯ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ނަތީޖާ އެއްވަރުކުރަން ވެލެންސިޔާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު މެޗުގެ 73 ވަނަ މިނެޓްގައި އެޓީމަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބާސާގެ ގޯލު ކުރިމަތީ ހުރެ ހޯޒޭ ލުއިސް ގަޔާ ފޮނުވާލި ހަމަލާ ރޭގެ މެޗުގައި ބާސާގެ ގޯލު ބެލެހެއްޓި ސިލިސެން ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ވެލެންސިޔާ އަށް ނުހިފުނުއިރު ސުއަރޭޒް ދިން ޕާހަކުން މެޗުގެ 82 ވަނަ މިނެޓްގައި އިވާން ރަކިޓިޗް ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ފައިނަލްގެ ޖާގަ އެޓީމަށް ކަށަވަރުކޮށްދީފައެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ބާސާ ޖެހިޖެހިގެން ދަތުރުކުރި ފަސްވަނަ ފަހަރު ކަމަށްވާއިރު ފާއިތުވި ތިން އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ބާސާ އިންނެވެ. މުބާރާތުގެ ފައިނަލްގައި ބާސާ ބައްދަލުކުރާނީ ސެވިއްޔާއާއެވެ. ފައިނަލް މެޗު އޮންނާނީ މިއަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.