ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވެއްޖެއެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 35 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 33 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ޔުނައިޓެޑް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ލިވަޕޫލް އާއި ސިޓީ މިރޭ މޮޅުވިއިރު މި ދެ ޓީމު ވެސް ލީގުގައި އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ސިޓީ މިރޭ މޮޅުވީ ލީގުގެ 13 ވަނައިގައި އޮތް ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 4-0 އިންނެވެ.

ގޯލަށްފަހު ސިލްވާ އުފަފާޅުކުރަނީ

ވެސްޓްހަމްގެ ދަނޑުގައި މިޜޭ ކުޅުނު މި މެޗުގެ ފުރަތަމަ 35 މިނެޓްތެރޭ ސިޓީން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މި ތިން ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އާއި ރަހީމް ސްޓާލިންގެ އިތުރުން ލީރޯއި ސާނޭއެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ދެވަނަ ހާފްގައި ވެސް ސިޓީން ތަނަވަސްކުރިއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ސާނޭއެވެ.

ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް މިރޭ މޮޅުވީ ލީގުގެ ނުވަ ވަނައިގައި އޮތް ވޮޓްފޯޑް އާއި ބައްދަލުކޮށް 3-0 އިންނެވެ. ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެންގޮސްފައި ނުވި ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ.

ގޯލަށްފަހު ސަލާހު އުފަފާޅުކުރަނީ

އަދި މެޗުގެ 76 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ހިލޭޖެހުމަކުން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ހަ މިނެޓްފަހުން ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ވަނީ ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އަށް ރަތްކާޑު ދައްކާފައެވެ. ލިވަޕޫލްގެ ފަހު ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނޯއެވެ.

މެންޗެސްޓަރ ޔުނައިޓެޑް މިރޭ ލަނޑެއް ނުޖެހި އެއްވަރުވީ އަމިއްލަ ދަނޑުގައި ލީގުގެ 15 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސް އާއި ބައްދަލުކޮށެވެ.މިރޭގެ މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ.

ޔުނައިޓެޑާއި ޕެލެސް ބައްދަލުކުރި މެޗުގެ ތެރެއިން

އެގޮތުން ޔުނައިޓެޑްގެ ލުކާކޫ ބޮލުން ފޮނުވާލި ހަމަލާއަކާއި ޖެސީ ލިންގާޑް ފޮނުވާލި ހަމަލާއެއް ޕެލެސްގެ ކީޕަރު ހެނެސީ ދިފާއުކުރިއިރު ރަޝްފޯޑް ފޮނުވާލި ހަމަލާ ޕެލެސްގެ ޑިފެންޑަރަކު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ޕެލެސް އަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ޓައުންސެންޑާއި ވެންއާން ހޯލްޓްގެ އިތުރުން ކުއާޓޭ އަށެވެ.

މިއީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑަށް މޮޅެއް ނުހޯދި ނިންމާލަން ޖެހުނު ހަވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.