ލިވަޕޫލްގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހުގެ ސޮއި ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބު އަލް އިއްތިހާދުން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާގައި އަޑުއަރާފައިވާއިރު، ލިވަޕޫލުން އޭނާ ނުވިއްކާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އަލް އިއްތިހާދުން ވަނީ ލިވަޕޫލަށް 40 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ފަބީނިއޯ ގެންގޮސްފައެވެ.

އަދި ލިވަޕޫލްގެ މިސްރު ފޯވާޑް، ސަލާހު ގެންދިއުމަށް 52 މިލިއަން ޕައުންޑްގެ ޓްރާންސްފީ ފީ އެއް ހުށަހަޅައި، އޭނާ އަށް މުސާރައިގެ ގޮތުގައި ދެ އަހަރު ދުވަހަށް 141 މިލިއަން ޕައުންޑް (180 މިލިއަން ޔޫރޯ) ދޭން ތައްޔާރަށް އޮތް ކަމަށް މީގެކުރީން މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

މިހާރު ސައުދީ ޕްރޯ ލީގުން އެ އަދަދުތައް ގާތްގަނޑަކަށް ދެގުނަ އަށް އިތުރުކޮށްގެން ވެސް ލިވަޕޫލާއެކު އެކަމުގެ މަޝްވަރާތައް ފެށުމުގެ ކުރީން ސަލާހު އާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރާނެ ކަމުގެ އަޑުތައް ވެސް މީޑިއާގައި ފެތުރުނެވެ. މިކަމާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ސަލާހުގެ އޭޖެންޓާއި ލިވަޕޫލާ ވާހަކަދައްކާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ކްލަބުން އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ވެއެވެ.

މިކަމާއި ގުޅޭގޮތުން ސަލާހުގެ އޭޖެންޓް، ރަމީ އައްބާސް ވަނީ ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް މިވަގުތު ސަލާހުގެ ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އޭނާ ބުނީ ލިވަޕޫލް ދޫކޮށްލަން ސަލާހު ބޭނުންވާނަމަ މިދިޔަ ސީޒަންގައި އޭނާ އާ ކޮންޓްރެކްޓްގައި ސޮއި ނުކުރީސް ކަމަށެވެ.

މީގެއިތުރުން، ލިވަޕޫލްގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު މުސާރައެއް ލިބެމުން އަންނަ ކުޅުންތެރިޔާ ކަމަށްވާ، ސަލާހު ޚުދު އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައިނުވާއިރު، އެ ކްލަބު ދޫކޮށްލުމަށް އޭނާ އަށް އޮތް ހަމައެކަނި ގޮތަކީ އަމިއްލަ އަށް އެ ކްލަބަށް ދެން ކުޅެން ބޭނުންނުވާ ކަމަށް ބުނެ، ޓީމުން ދާން މަސައްކަތް ކުރުމެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 20 ގެ ނިޔަލަށް ސައުދީ ޕްރޯ ލީގުގެ ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮތްއިރު، މިހާތަނަށްއައިއިރު ސައުދީ ގިނަ ކްލަބުތަކުން ވަނީ ޔޫރަޕްގައި ކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން، ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދުން ވަނީ ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ އަދި ސެލްޓިކްގެ ވިންގް، ޖޮޓާގެ ސޮއި ހޯދާފައެވެ.