ލިވަރޕޫލުން އެކުލަބަށް ކުޅެމުން އަންނަ އިިނގިރޭސި މިޑްފިލްޑަރ ޖޯޑަން ހެންޑަސަން ސައުދީގެ އަލް އިއްތިފާގަށް ވިއްކާލަން އެއްބަސްވެއްޖެއެވެ.

ލިވަޕޫލުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ކޯޗު ކަމާއި ހަވާލު ވެފައިވާ އަލް އިއްތިފާގަށް ހެންޑަސަން ވިއްކާލަން އެއްބަސްވެފައި ވަނީ 12 މިލިއަން ޕައުންޑަށް ކަމަށް މީޑިިޔާ ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް އަލް އިއްތިފާގުގައި ހެންޑަސަންގެ މުސާރަ އަދި ވަނީ ކަށަވަރު ނުވެއެވެ.

2011 ވަނަ އަހަރު ލިވަޕޫލަށް ބަދަލު ވުމަށްފަހު ހެންޑަސަން ވަނީ 2015 ވަނަ އަހަރުން ފެށިގެން އެކުލަބުގެ ކެޕްޓަންގެ މަގާމުވެސް އަދާކޮށްފައެވެ. އަދި ލިވަޕޫލާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ބާކީ ދެއަހަރު އެބަ އޮތެވެ. އެހެން ނަމަވެސް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން އޭނާ ވިއްކާލުމަށް އެއްބަސްވީ ހެންޑަސަން އެގޮތަށް ބޭނުން ވާތީއެވެ.

13 އަހަރުގެ ދިގު މާޒީގައި ހެންޑަސަން ވަނީ ލިވަޕޫލާއި އެކު ގިނަ ކާމިޔާބީ ތަކެއްވެސް ހޯދާފައެވެ. ޖުމުލަ 492 މެޗު ކުޅެދީފައިވާއިރު 33 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕާއި އެކު ޖުމުލަ އައް ތައްޓެށް އޭނާ ވަނީ ލިވަޕޫލާއި އެކު ހޯދާފައެވެ.

ހެންޑަސަންގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ވިއްކާލުމަށްވެސް ލިވަޕޫލުން ވަނީ ނިންމާފައެވެ. ފަބީނިއޯ ގަތުމަށް މަސައްކަތް ކުރަނީ ސައޫދީ އަރަބިއްއާގެ އަލް އަހުލީއިންނެވެ. އެކުލަބުން ވަނީ ފަބީނިއޯ އަށް 40 މިލިއަން ޑޮލަރު ހުށަހަޅާފައެވެ. އަދި ރޮބާޓޯ ފިރްމީނޯ ވެސް ވަނީ ލިވަޕޫލު ދޫކޮށް ސައުދީގެ އަލް އަހްލީއަށް ބަދަލުވެފައެވެ.