ބޯންމަތްގެ މައްޗަށް 1-2 އިން ކުރި ހޯދާ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކާ ގާތަށް އާސެނަލް އިން ޖެހިލައިފިއެވެ.

މި މޮޅާއެކު އާސެނަލް މިހާރު އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ބޯންމަތް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

ބޯންމަތްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލް އިންނެވެ. މި ގޯލަކީ މެޗުގެ 30 ވަނަ މިނެޓްގައި ބޯންމަތްގެ ލެމާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްފަހުން އާސެނަލްގެ އިވޯބީ ވެސް ވަނީ ބޯންމަތްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ބޯންމަތްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ބޯންމަތްގެ ކީޕަރު ބެގޮވިޗްއެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އެ ހާފްގެ ފަހު މިނެޓްގައި ޖޯޝުއާ ކިންގް ވަނީ ބޯންމަތް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ކޮލަސިނަޗް ނަގައިދިން ހުރަހަކުން މެޗުގެ 67 ވަނަ މިނެޓްގައި އޮބަމަޔަންގް ވަނީ އާސެނަލް އަށް މެޗުގެ ލީޑު އަނެއްކާވެސް ނަގާދީފައެވެ. މި ގޯލަށްފަހު ވެސް އާސެނަލް އިން ވަނީ ބޯންމަތްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ބޯންމަތް ބަލިކޮށް އާސެނަލް އިން ގަދަ ހަތަރަކާ ގާތަށް ޖެހިލިއިރު، މިރޭގެ މެޗަކީ އާސެނަލް އިން ބަލިނުވެ ނިންމާލީ 17 ވަނަ މެޗުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ.