އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީން މެންޗެސްޓާ ސިޓީ ބަލިކޮށް، ލީގު ތާވަލުގެ ދެވަނައަށް އެޓީމު ވައްޓާލައިފިއެވެ.

މިރޭ ސްޓެންފޯޑު ބްރިޖުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ސިޓީއަކީ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނެވެ. އެހެން ނަމަވެސް މެޗުގައި ތަފާތު ޓެކްޓިކްސްއެއް ބޭނުން ކޮށް، ޗެލްސީން ސިޓީން ސިއްސުވާލީއެވެ.

މި ހަފްތާ ތެރޭގައި ޗެލްސީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި އޮތް އޮތުން އެ ޓީމަށްވީ ހިތްވަރަކަށެވެ. މެޗުގައި ސިޓީގެ ފަރާތުން ޕާސިން، ޓިކިޓަކާގެ އެޓޭކިން ފުޓުބޯޅައެއް ފެނުނު ނަމަވެސް ޗެލްސީން ކުޅުނީ އެ ފުޓުބޯޅަ ހުއްޓުވުމަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް ޓީމެއްގެ ގޮތުގައެވެ.

ހާއްސަކޮށް ޗެލްސީން ބޭނުން ކުރަމުންދިޔަ ކައުންޓާ އެޓޭކް ފުުޓުބޯޅައިގެ ސަބަބުން ސިޓީގެ ޕާސްތަކާ އެޓޭކްތައް މާބޮޑު ނުރައްކަލަށް ނުވިއެވެ. ޗެލްސީގެ ފަހަތުން ވަރަށް ބޮޑަށް ސިޓީގެ ކުދި ޕާސްތައް ހުއްޓުވި އިރު، ފުރަތަމަ ހާފްގެ ފުރަތަމަ ކޮޅުގައި ސިޓީން ޗެލްސީއަށް ނުރައްކާ ކުރިއެވެ.

ލެރޮއީ ސާނޭއާއި ރަހީމް ސްޓާލިންގެ ބާރު ދުވެލީގައި ޗެލްސީގެ ޑިފެންސަށް ނުރައްކާ ކުރި ނަމަވެސް، ޑޭވިޑް ލުއިޒްއާއި ޓޯނީ ރުޑިގާ ތިބީ ފުރަހަމައަށް އެލާޓް ގައެވެ.

ސިޓީން ބޯޅަ ހިފަހައްޓައިގެން ކުޅުނު ފުރަތަމަ ހާފް ނިމުނީ އެޓީމަށް އެންމެ އުފާވެރި ގޮތަކަށް ނޫނެވެ. ހާފްގެ ފަހުކޮޅުގައި ޗެލްސީގެ ހަލުވި ކައުންޓާ އެޓޭކެއްގައި ޗެލްސީން ލީޑު ނެގިއެވެ. ލުއިޒްއާއި ޕެޑްރޯގެ ރީތި ޕާސްތަކަކަށްފަހު، ހަޒާޑް ތަނަވަސްކޮށްދިން ފަހު ފުރުސަތު ގޯލަށް ނިންމާލީ އެންގޯލޯ ކަންޓޭއެވެ.

ދެވަނަ ހާފްގައިވެސް ޗެލްސީ ނުކުތީ ހަމަ ފުރަތަމަ ހާފްގެ ފުޓުބޯޅަ ކުޅުމަށެވެ. ވަރަށްވެސް ފުރިހަމައަށް ޗެލްސީން އެކަން ކުރިވެސް މެއެވެ. ސިޓީގެ އަތުގައި ގިނަ ވަގުތު ބޯޅަ ބޭއްވި ނަމަވެސް، އަނެއްކާވެސް ގޯލް ޖެހީ ޗެލްސީންނެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ހަޒާޑް ނަގައިދިން ކޯނަރު، އޭރިއާ ތެރޭގައި ހުރެ ބޮލުން ގޯލަށް އޮއްސާލީ ޑިފެންޑަރު ލުއިޒްއެވެ.

ފަހު މިނެޓުގައިވެސް ސިޓީއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ގެބްރިއަލް ޖެސޫޫސް ފޮނުވާލި ހަމަލާ މަތަކުރީ މިރޭގެ މެޗުން މުހިއްމު ކްލީން ޝީޓެއް ހޯދި ޗެލްސީގެ ގޯލްކީޕަރެވެ.

މިރޭގެ މެޗުން މޮޅުވެ ޗެލްސީ ވަނީ ގަދަ ހަތަރަކަށް ޖެހިލައިފައެވެ. 16 މެޗުން 34 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް އާސެނަލްއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިއެވެ. އެހެން ނަމަވެސް ޗެލްސީ ހަތަރުވަނައަށް އެރީ ފައިދާ ފަސް ގޯލުންނެވެ.

މެޗުން ބަލިވެ ސިޓީ ލީގު ތާވަލުގެ ދެވަނައަށް ވެއްޓުނު އިރު، ލިބުނު ފުރުސަތުގައި ލިވަޕޫލް ވަނީ އެއްވަނައަށް ޖެހިލައިފައެވެ. އެ ދެޓީމުގެ މެދުގައި ޕޮއިންޓެއްގެ ފަރަގު އޮތް އިރު، ސިޓީއަށް ލިބެނީ 41 ޕޮއިންޓެވެ. ލިވަޕޫލަށް 42 ޕޮއިންޓެވެ.