ގައުމީ ބާސްކެޓް ލީގުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ޓީރެކްސްއިން ހޯދި އިރު، އަންހެން ޗެމްޕިއަންކަން ސައިކްލޯންއިން ދިފާއުކޮށްފިއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައ ކިންގްސް ބާސްކެޓްބޯލް ކްލަބް 74-69 އިން ބަލިކޮށް ޓީރެކްސް އިން ތަށި އުފުލާލި އިރު، އެ ދެޓީމުން ފުރަތަމަ ބުރު ކުޅުނު މެޗުގައި ޓީރެކްސް އަތުން ކިންގްސް ވަނީ މޮޅުވެފައެވެ. އެކަމަކު ރޭގެ މެޗުގައި ކިންގްސްގެ މައްޗަށް ކުރި ހޯދައި ޓީރެކްސް އިން ވަނީ ފުރަތަމަ ބުރުން ބަލިވުމުގެ ބަދަލު ހިފައިފައެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސް އަށް ކުޅޭ ބޮސްނިއާގެ ކުޅުންތެރިއާ އޭއަމިން ޖޭޒްވިނެވެ.

މުބާރާުތުގެ އެންމެ މޮޅު ފަސް ކުޅުންތެރިއަކަށް ހޮވުނީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބްގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ އާއި ކިންގްސްގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭއާއި ރެޕްޓާސްގެ ސާބިއާ ކުޅުންތެރިއާ މިލޯރޮޑް, ކިންގްސްގެ މުހައްމަދު ޒިލާލް އަދި ރެޕްޓާސްގެ މަފާޒް މުހައްމަދެވެ.

މިފަހަރު ގައުމީ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ސައިކްލޯންއެވެ. ސައިކްލޯންއިން ގައުމީ އަންހެން ލީގު ޗެމްޕިއަންކަން ހޯދީ ޖިބްލީ ސްޕޯޓްސް ކުލަބު ބަލިކޮށްގެނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު، ސައިކްލޯން މެޗު ކާމިޔާބު ކުރީ، 32 ޕޮއިންޓްގެ ތަފާތަކުންނެވެ. އެއީ 65-33 ޕޮއިންޓުންނެވެ. މިއީ ސައިކްލޯންއިން ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

ފިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ ޖެލީނާ ބަލްޑަމިރުއެވެ. އޭނާއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ގައުމީ ލީގަށްފަހު އިއްޔެ ވަނީ 37 ވަނަ ގައުމީ ބާސްކެޓް މުބާރާތުގެ ކުޅުންވެސް ފަށާފައެވެ. ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗުގައި އިއްޔެ ކުޅުނީ ރެޕްޓާސްއާއި ސްޓިންގާސްއެވެ. އެ މެޗު 55-77 ޕޮއިންޓުން ކާމިޔާބުކުރީ ސްޓިންގާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓިންގާސްގެ ބިދޭސީ ކުޅުންތެރިޔާ ރިލްވާން ބަކަރޭއެވެ.