ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލަށް އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ އަށް އާސެނަލް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 1-3 އިން އޭސީ މިލާން ބަލިކުރުމަށްފަހުއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-2 އިން ކާމިޔާބުކުރީ ވެސް އާސެނަލް އިންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ހަކަން ޗަނަނޮގްލޫ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ މިލާނަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން ޑެނީ ވެލްބެކް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މިލާނުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮރީނީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ކަލިނިޗް ބޮލުން ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އޮސްޕިނާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ފަހަރަށް އާސެނަލް އަށް ލީޑު ނަގައިދިން ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒަކާއެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި ވެލްބެކް ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާ އިން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ކުއާޓާ އަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އާއި ބައްދަލުކުރި މެޗު 1-5 އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-3 އިން ކާމިޔާބުކުރީ ވެސް އެތްލެޓިކޯ އިންނެވެ.

ރޭގެ މެޗުގައި އެތްލެޓިކޯ އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ފެނާންޑޯ ޓޮރޭސްއެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އެންހެލް ކޮރީޔާ އާއި ސައުލްގެ އިތުރުން ގްރިޒްމަންއެވެ.

އާސެނަލް އާއި އެތްލެޓިކޯގެ އިތުރުން މުބާރާތުގެ ކުއާޓާ އަށް ދެން ދަތުރުކުރީ އިޓަލީގެ ލާޒިޔޯ އާއި ފްރާންސްގެ މާސޭ އާއި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ޖަރުމަނުގެ ރެޑްބުލް ލީޕްޒިގް އާއި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ އިތުރުން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްއެވެ.

ކުއާޓާގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ މިއަދު ނަގާ ގުރުއަތުލުމުންނެވެ.