ކްލަބާއެކު ހޭދަކުރި ކާމިޔާބު ފަސް އަހަރަށްފަހު، ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ޓީސީ ސްޕޯޓްސް ކްލަބު ދޫކޮށްލިކަން އިއުލާން ކޮށްފިއެވެ.

އަންނަ ސީޒަނުގައި ޓީސީން ނުފެންނާނެކަން ނިޒާމްބެ ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

ނިޒާމްބެ ބުނެފައި ވަނީ ޓީސީއާއެކު ކުރިއަށް އޮތް ސީޒަނުގައި މަޑުކުރުމަށް، ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާތައް ކުރެވި ގޮތެއް ނިންމިފައިވާ ކަމަށާއި، ނިންމުމަކީ އަންނަ ސީޒަނުގައި ޓީސީން ނިޒާމްބެ ނުފެންނާނެ ނިންމުމެއް ކަމަށެވެ. އެގޮތުން ދެ ފަރާތުގައި ދެކެވުނު ވާހަކަތަކުން ކޮންޓްރެކްޓް އާނުކުރަން ނިންމާފައިވާ ކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނެފައި ވަނީ އޭނާ އުންމީދުކުރަނީ ކްލަބުގެ މެނޭޖުމަންޓާއި، ކްލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ހިތްހަމަ ޖެހޭ ފަދަ މަސައްކަތްތަކެއް ކްލަބަށް ކޮށްދެނު ކަމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޓީސީއަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

ދެވަނަ ޑިވިޝަނުން ފެށިގެން ޓީސީގެ ކޯޗަކީ ނިޒާމްބެއެވެ. ދެވަނަ ޑިވިޝަންގެ ރަނަރަޕް ކަމާއެކު ޓީސީން ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އައީ 2015 ވަނަ އަހަރުގައެވެ.

އޭގެ ފަހުން ޓީސީން ކުރިއަރަމުން އައިސް، އެޓީމު ވަނީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓަކަށްވެސް ވާދަކުރާ ޓީމަކަށް ވެފައެވެ. އެ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާ ދާރަކީ ހަމަ ނިޒާމްބެއެވެ. ޓީސީއާއެކު ނިިޒާމްބެ އެންމެ ފުރަތަމަ އުފުލާލީ ތަށްޓަކީވެސް ބައިނަލްއަގުވާމީ ތަށްޓެކެވެ. ކްލަބުގެ ތާރީހުގައި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބަންގްލަދޭޝްގެ އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީއަށް ކާމިޔާބުކޮށްދިނުމުގެ މުގުލުގައިވެސް ހުރީ ނިޒާމްބެއެވެ.

ނިމިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީން ހޯދި އިރު، ރާއްޖޭގެ އެންމެ ފަހުރުވެރި މަގާމު އެ ކްލަބަށް ގެނެސްދިން ކޯޗަކީ ނިޒާމްބެއެވެ. ޓީމުގެ ކާމިޔާބީއާއެކު އެފްއޭއެމްއާއި މޯލްޑިވްސް ފުޓްބޯލްއިން ހޮވި، އަހަރުގެ އެންމެ މޮޅު ކޯޗަކީވެސް ނިޒާމްބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމީލު

    ނިޒާމު މަޖީހައް ކުރިމަތިލާންވެގެން ނާޒިމާ ޖޭޕީއައް ސޮއިކުރީ

  2. ޒުހުރީ

    މީނަ ވެސް މަޖިލިހައް ނުކުންނަނީތަ. ދެން ނެތެއްނު މިގައުމުގަ އެހެން ކަމެއް ކުރާނެ ބައެއް.