ޗެލްސީންގެ ޒުވާން ފޯވަޑް، ކަލުމް ހަޑްސަން އޮޑޯއީގެ ޓްރާންސްފާ ކަންތައްތަކުގައި ޗެލްސީން ބަޔާން މިއުނިކަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ހަޑްސަން ހޯދުމަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ބަޔާން މަސައްކަތް ކޮށްފައިވާ އިރު، ކޮންމެ ފަހަރެއްގައިވެސް ބަޔާންއިން ވާހަކަ ދައްކާފައި ވަނީ ސީދާ ކުޅުންތެރިޔާއާ ކަމަށް ޗެލްސީން ބުނެފައިވެއެވެ.

މިހާތަނަށް 13 މެޗެއް މި ސީޒަންގައި ކުޅެފައިވާ ހަޑްސަންގެ ޗެލްސީ ކޮންޓްރެކްޓްގައި ބާކީ 18 މަސް އަދި އެބައޮތެވެ. ބަޔާންއިން ހަޑްސަންއަށް 35 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާ އިރު، ހަފްތާއަކު މުސާރާއިގެ ގޮތުގައި 70،000 ޕައުންޑް ދިނުމަށް ބަޔާންއިން އޭނާއަށް ހުށަހެޅިއެވެ.

ބަޔާންއިން އެތައް ފަހަރެއްގެ މަތިން ހަޑަސަން ހޯދުމަށް މަސައްކަތް ކޮށްފައިވާ އިރު، ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ، ޗެލްސީން ހަޑްސަން ހޯދަން މަސައްކަތް ކުރަނީ ކޮންޓްރެކްޓުން ބޭރުގައި ކަމަށާއި، އެއީ ޕްރޮފެޝަނަލިޒަމް ނެތް އަމަލުތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޗެލްސީ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިޔަކާއެކު، އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބަޔާންއިން ޗެލްސީއަށް އިހުތިރާމް ކުޑަކުރާ ކަމުގެ ހެއްކެއް ކަމަށްވެސް ސާރީ ބުންޏެވެ.

އެންމެފަހުން ޗެލްސީން ކުޅުނު ތިން މެޗުގައިވެސް ހަޑްސަން ކުޅެފައިވާ އިރު، ބަޔާންއަށް ހަޑްސަން ނުދާން ވިސްނާ ސަބަބަކަށްވެސް މީޑިއާ ރިޕޯޓުތައް ބުނަނީ ކުޅުމުގެ ފުރުސަތުތައް ހަނިވުމެވެ.