ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް، ގޮންޒާލޯ ހިގުއައިން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ހިގުއައިން ޗެލްސީއަށް ބަދަލުވެފައި ވަނީ 15.6 މިލިއަން ޕައުންޑުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިހާރު ކޮންޓްރެކްޓް ކުރެވިފައި ވަނީ ސީޒަން ނިމެންދެން އޭނާ ލޯނުގައި ބެހެއްޓުމަށް ނަމަވެސް، 2020 ވަނަ އަހަރާ ހަމައަށް ލޯން އެއްބަސްވުން ދިގު ދަންމާލުމަށް ޗެލްސީއަށް ފުރުސަތު އޮންނާނެއެވެ.

އުމުރުން 31 އަހަރުގެ ހިގުއައިން ސީޒަންގެ ފުރަތަމަ ބައި ހޭދަކޮށްފައި ވަނީ އޭސީ މިލާންގައެވެ. 22 މެޗުން އޭނާއަށް ޖެހިފައި ވަނީ ނުވަ ގޯލެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު ހިގުއައިން ބުނީ ޗެލްސީއަކީ އޭނާ އަބަދުވެސް ކުޅެން ބޭނުންވި ކްލަބެއް ކަމަށާއި، ޗެލްސީގެ ތާރީހާ، ޗެލްސީގެ ސްޓޭޑިއަމްއަކީ އޭނާ އަބަދުވެސް ބަލަމުންދިޔަ ކަންކަން ކަމަށެވެ. ހުގުއައިންގެ ޓްރާންސްފާ ޗެލްސީން ރޭ އިއުލާން ކޮށްފައިވާ އިރު، ޗެލްސީން ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ ކަޕް މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ޗެލްސީގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީ، މީގެ ކުރިން ނަޕޯލީގައި ހޭދަކުރި 205-16 ވަނަ އަހަރުގެ ސީޒަންގައި ހިގުއައިން ވަނީ ސެރެއާ އޭގެ ރެކޯޑު 36 ގޯލާ ހަމަކޮށްފައެވެ.

ހިގުއައިން ޗެލްސީގައި ނުވަ ނަންބަރު ޖާޒީ ލުމަށް ހަމަޖެހިފައިވާ އިރު، އެ ޖާޒީ ނަންބަރަކީ ފަހަކަށް އައިސް ޗެލްސީގެ ފޯވަޑުންނަށް އެންމެ ކާމިޔާބު ނަންބަރަކަށް ނުވެއެވެ. ފެނާންޑޯ ޓޮރެސްގެ އިތުރުން ފަލްކާއޯއާއި ޕަޓޯ އަދި މޮރާޓާވެސް ކުޅެފައި ވަނީ އެ ނަންބަރަށް ކަމަށްވާ އިރު، އާންމުކޮށް ޗެލްސީގެ ނުވަ ނަންބަރު ފާހަގަކޮށްލެވެނީ ފްލޮޕް ނަންބަރެއްގެ ގޮތުގައެވެ.