އަންނަމަހު ހަތަރުވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ގުރުއަތު ނަގައިފިއެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕަކީ ސީޒަންގެ ފުރަތަމަ މުބާރާތެވެ. މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ ގޮތަށް މީގެކުރިން އޮތް ނަމަވެސް، މުސާރައިގެ މައްސަލައިގައި އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު، އެ ކްލަބަށް ވަނީ މި މުބާރާތުންވެސް ފުރުސަތު ގެއްލިފައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ޓީސީ ސްޕޯޓްސް ކްލަބާއި، ފޯކައިދޫގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދަ ގޭންގް ސްޕޯޓްސް ކްލަބު ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ 2017 ވަނަ އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ކްލަބު އަދި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބު އީގަލްސް، އެންމެފަހުގެ ޗެމްޕިއަން ކްލަބު ގްރީން ސްޓްރީޓްސް އަދި ކްލަބު އޭދަފުއްޓެވެ.

އަންނަ މަހު ހަތަރެއްގައި މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ފަށާ އިރު، ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހުގައެވެ. ފައިނަލް އޮންނާނީ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

މީގެ ކުރިންވެސް 2011 ވަނަ އަހަރު 21 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު، އަނެއްކާވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މުބާރާތް ވަނީ 19 އަހަރުން ދަށަށް ބަދަލުކޮށްގެންނެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތައް:

1600 ޓީސީ / ފޯކައިދޫ

2030 ވިކްޓަރީ / ދަ ގޭންގް