ބާސެލޯނާއިން އަބަދުވެސް ނުކުންނަނީ ހުރިހާ މުބާރާތްތައް ކާމިޔާބުކުރުމަށް ކަމަށާއި، އެއްވެސް މުބާރާތެއް ފަސޭހަކޮށް ނުނަގާނެ ކަމަށް ޓީމުގެ ކެޕްޓަން، އަދި ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގައި ރޭ ސެވިއްޔާއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު، އެޓީމުން ފަހަތުން އަރާ ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ. އެޓީމު ސެމީއަށް ދަތުރުކުރީ 6-3ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ފޯމުގައި ހުރި މެސީ ބުނީ ބާސާއަކީ އެއްވެސް މުބާރާތެއް ފަސޭހަކޮށް ނަގާނެ ޓީމެއް ނޫން ކަމަށާއި، ބާސާއަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ނުކުންނަ ޓީމެއް ކަމަށެވެ.

"ސީޒަންގެ ކުރީކޮޅުގައި ބައެއް ފަހަރު، ބައެއް މީހުންނަށް އޮޅިފައި އޮވެދާނެ، ބާސާއިން ކޮޕާ ޑެލްރޭ ފަދަ މުބާރާތްތައް ފަސޭހަ ކޮށްލާނެއޭ. އެކަމަކު އެއީ މުޅިން އެކަން އޮންނަ ގޮތެއް ނޫން، ރެސްޓް ދިން ނަމަވެސް ބާސާއިން އެއްވެސް މުބާރާތެއް ދޫކޮށްލަން ނުނިކުންނާނެ،" މެސީ ބުންޏެވެ.

މެސީ ބުނެފައި ވަނީ އަބަދުވެސް ބާސާގެ އަމާޒަކީ ތިން ތަށި ސީޒަނުގައި ނެގުން ކަމަށާއި، އެއްވެސް މުބާރާތެއް ބާސާއިން ދޫ ނުކުރާނެ ކަމަށެވެ

ރޭގެ މެޗުގައި މެސީއާއި ޝުއަރޭޒް، އަދި ކުޓީނިއޯވެސް ގޯލް ޖެހި އިރު، މެސީ ވަނީ މެޗުގައި ލިބުނު ޕެނެލްޓީ ޖެހުމަށް ކުޓީނިއޯއަށް ފުރުސަތު ދީފައެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ކުޓީނިއޯއަށް މެސީ އެ ފުރުސަތު ދިނީ ކުޓީނިއޯ ފޯމު ކަޓާފައި ހުރުމުން ކަމަށެވެ.