އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި 5-0ގެ ނަތީޖާއަކުން ހަޑަލްސްފީލްޑް ބަލިކޮށް، ޗެލްސީން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިރޭ އަމިއްލަ ދަނޑުގައި ޗެލްސީން ކުޅުނު މެޗަށް ނުކުތް އިރު، އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުންވެސް އެ ޓީމު އޮތީ ބަލިވެފައެވެ. ހާއްސަކޮށް މިދިޔަ ހަފްތާ ތެރޭގައި އެޓީމަށް ވަނީ ބޯންމައުތު ކައިރީ 4-0ގެ ތަފާތު ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ޗެލްސީ ދަށް ފޯމެއްގައި އޮތް ނަމަވެސް، އެޓީމަށް މިރޭގެ މެޗު ވެގެންދިޔައީ ފަސޭހަ މެޗަކަށެވެ. ހަޑަލްސްފީލްޑަށް ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައިނުވާ އިރު، މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އެޓީމުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެންގޯލޯ ކަންޓޭ މެދުތެރެއިން ރީތި ޕާހަކަށް ހުސްވެ، ޗެލްސީއާ އަލަށް ގުޅުނު ފޯވަޑް ހިގުއައިން އެ ޓީމަށް ލީޑު ނަގައިދިނެވެ.

ޗެލްސީއަށް ހިގުއައިން ޖަހައިދިން ފުރަތަމަ ގޯލާއެކު އެޓީމަށް ހިތްވަރު ލިބުނެވެ. ސީޒަންގެ މިހާތަނަށް އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީވެސް ގޯލް ޖަހާނެ ފޯވަޑެއް ނެތުމެވެ. މިރޭގެ މެޗުގައި ހިގުއައިން ވަނީ އޭނާގެ ފެންވަރު ދައްކާލާފައެވެ.

ޗެލްސީން ހާފް ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. އޭރިއާ ތެރެއިން ކެޕްޓަން އަޒްޕިލިކުއެޓާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ޗެލްސީންނެވެ. ހަޒާޑާއި ހުގުއައިންގެ ކުޅުން އެ ހާފްގައިވެސް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ހަޒާޑްގެ ދެވަނަ ގޯލް ފެނިގެން ދިޔަ އިރު، މެޗުގެ 69 ވަނަ މިނެޓުގައި ހުގުއައިންގެ ދެވަނަ ގޯލް ފެނިގެންދިޔައެވެ. އަރިމަތިން ހަޒާޑްގެ ހުނަރުވެރިކަމާއެކު އޭނާ އޭރިއާ ތެރެއަށްވަދެ، އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރި ކަންޓޭއަށް ބޯޅަ ދިނެވެ. ކަންޓޭ މަޑުމަޑުން ޖައްސާލި ބޯޅަ، އޭރިއާ ބޭރުން ގޯލްގެ ކަނަށް ނިންމާލީ ހިގުއައިންނެވެ.

މެޗުގެ ނިމެން ދަނިކޮށް ޗެލްސީގެ ފަސްވަނަ ގޯލް، ކޯނަރަކަށް އަރާ ބޮލުން ވައްދާލީ ޑިފެންޑަރު ޑޭވިޑް ލުއިޒްއެވެ.

މިރޭގެ މޮޅާއެކު 25 މެޗުން 50 ޕޮއިންޓާއެކު ޗެލްސީ ވަނީ ހަތަރުވަނައަށް ޖެހިލާފައެވެ. އެޓީމަށްވުރެ އެއް މެޗު މަދުން ކުޅެ އާސެނަލް އޮތީ ފަސްވަނައިގައެވެ. ސިޓީ ތިންވަނައިގައި އޮތީވެސް ޗެލްސީއަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ. މާދަމާރޭ އާސެނަލްއާ ސިޓީ ލީގުގައި ކުޅޭނެއެވެ.