ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގައި އާސެނަލް އާއި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ބައްދަލުކުރަން ޖެހިއްޖެއެވެ.

އާސެނަލް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ އިޓަލީގެ އޭސީ މިލާން ބަލިކުރުމަށްފަހުއެވެ. އަދި ސީއެސްކޭއޭ މޮސްކޯ ކުއާޓާ އަށް ދަތުރުކުރީ ފްރާންސްގެ ލިޔޯން ބަލިކުރުމަށްފަހުއެވެ.

ކުއާޓާގައި ސީއެސްކޭއޭ މޮސްކޯ އާއި އާސެނަލް ބައްދަލުކުރާއިރު މިއީ 2010 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާގައި އާސެނަލް ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އާސެނަލްގެ ދަނޑުގައި އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ޔޫރޮޕާ ލީގަކީ މި ސީޒަނުގައި އާސެނަލް އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތެވެ.

ކުއާޓާގައި އެހެން ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު އެތްލެޓިކޯ މެޑްރިޑް ނިކުންނާނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި ދެކޮޅަށެވެ. ފްރާންސްގެ މާސޭ އިން ޖަރުމަނުގެ ރެޑްބުލް ލީޕްޒިގް އާއި ބައްދަލުކުރަން ޖެހުނުއިރު އިޓަލީގެ ލާޒިޔޯ ނިކުންނާނީ އޮސްޓްރިއާގެ ސަލްޒްބާގް އާއި ދެކޮޅަށެވެ.