ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު އެލް ކްލެސިކޯ 1-1ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

ކެޕްޓަން ލިއޮނަލް މެސީއާ ނުލާ ބާސާއިން ފެށި އިރު، މެޗުގެ ކުރީކޮޅުގައި ރެއާލްއިން ލީޑު ނެގިއެވެ. ލޫކާސް ވަޒްކުއޭޒްގެ ގޯލުން ލީޑު ނެގި އިރު، އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ ކަރިމް ބެންޒެމާއެވެ. އަރިމަތިން، ބްރެޒިލްގެ ޒުވާން ހުނަރުވެރިޔާ ވިންސިއަސް ޖޫނިއާ ނަގައިދިން ބޯޅަ ސީދާ ބެންޒެމާ ފަޔަށް ލިބުނު އިރު، އޭނާ ވަނީ ހެމަޖެހިލާފައި ވަޒްކުއޭޒްއަށް އެ ބޯޅަ ޕާސްކޮށްލާފައެވެ.

ރޭގެ މެޗުގައިވެސް ރެއާލްއަށް އެންމެ މުހިއްމު ކުޅުމެއް ކުޅެފައި ވަނީ ފްލެމިންގޯއިން ރެއާލްއަށް ގެނައި އުމުރުން 18 އަހަރުގެ ފޯވަޑް ވިންސިއަސްއެވެ. އޭނާ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު، ރޭގެ މުޅި މެޗުގައިވެސް ބާސާގެ ޑިފެންސަށް އެންމެ ބޮޑު ނުރައްކަލަކަށްވީ ވިންސިއަސްއެވެ.

މެސީއާ ނުލާ ބާސާއިން ކުޅުނު އިރު، އެޓޭކުގައި އެކަންތައް ފެންނަންވެސް ފެނުނެވެ. އެހެން ނަމަވެސް ބާސާއަށް މި ސީޒަންގައި ބަދަލުވި މެލްކޮމްގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނުނެވެ. މެޗުގެ ފުރަތަމަ ހާފްގެ 31 ވަނަ މިނެޓުގައިވެސް މެލްކޮމްގެ ހިލޭ ޖެހުން، އޭރިއާ ތެރެއަށް ނަގައިދިން އިރު، ރަކެޓިޗް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ބާސާއިން ނަތީޖާ ހަމަހަމަ ކުރީ 57 ވަނަ މިނެޓުގައެވެ. ލުއިޒް ޝުއަރޭޒް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ، އޭރިއާ ރޮނގާ ހަމައަށް ނުކުމެ ކޭލޯ ނަވާސް ދިފާއުކުރިއެވެ. އެ ބޯޅައިގެ ރީބައުންސް ލުއިޒް ޝުއަރޭޒް ފޮނުވާލި އިރު، އޭނާގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އަދި އެ ބޯޅައިގެ ރީބައުންސް ހޯދާ، ގޯލަށް ބޯޅަ ނިންމާލީ މެލްކޮމްއެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓަށް މެސީ ދަނޑަށް ނުކުމެ ނުރައްކާ ކުރި ނަމަވެސް، ބާސާއަށް މޮޅެއް ނުހޯދުނެވެ.

ކޮޕާ ޑެލްރޭ ސެމީ ފައިނަލް ދެވަނަ ލެގު މިމަހު 27 ވަނަ ދުވަހު ބާނަބޭއޫގައި އޮންނާނެއެވެ.