ބާސެލޯނާއިން ދަނީ އެޓީމުގެ ތަރި ލިއޮނަލް މެސީ ކްލަބުގައި ނުހުންނާނެ ދުވަހަކަށް ތައްޔާރުވަމުން ކަމަށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމިއޯ ވިދާޅުވެއްޖެއެވެ.

މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދާފައިވާ މެސީއަކީ ދުނިޔޭގެ ތާރީހު ދުތް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޅަ ދުވަސްވަރުން ފެށިގެންވެސް ބާސާއަށް ކުޅެމުންދާ މެސީއަކީ ކްލަބު ތާރީހުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސާއާއެކު އެތަކެއް ތަށްޓެއް ހޯދާ ކްލަބަށް ކުޅުނު 664 މެޗުން 581 ގޯލް ޖަހައިދީފައެވެ.

އުމުރުން 31 އަހަރުގައިވެސް ފަނޑުކަމެއް ނެތި މެސީގެ ކުޅުން ފެންނަމުން ދިޔަ ނަމަވެސް، އޭނާވެސް ކޮންމެވެސް ދުވަހަކު ކުޅުމާ ދުރަށް ދާނެ ކަން އެނގޭ ކަމަށް ބާސާގެ ރައީސް ވިދާޅުވެފައިވެއެވެ.

" އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކު މެސީވެސް ބުނާނެކަން އޭނާ ރިޓަޔާވާން ބޭނުންވާ ކަމަށް، އެހެން ނަމަވެސް އެ ދުވަސް އަދި އޮތީ އެހާ ގާތަކު ނޫން. އެކަމަކު ޓީމު ތައްޔާރުކުރަނީ މުސްތަގު ބަލަށް،" ބާޓެމިއޯ ވިދާޅުވިއެވެ.

ބާސާގެ ރައީސް ބާޓެމިއޯގެ ދައުރު 2021 ވަނަ އަހަރަށް ހަމަވާ އިރު، ފަހަކަށް އައިސް ބާސާއިން ކްލަބަށް ގެންދަމުން ދަނީ ޒުވާން ހުނަރުވެރި ކުޅުންތެރިންނެވެ.

" ބާސާއާ ޒުވާން ގިނަ ކުޅުންތެރިތަކެއް ގުޅޭތަން ފެންނާނެ. އޭގެ ބޭނުމަކީ މެސީ ފަދަ މުހިއްމު ކުޅުންތެރިން ނެތް ދުވަހެއްގައިވެސް ކްލަބުގެ ކާމިޔާބީ ދެމެހެއްޓުން. ދެ އަހަރު ފަހުން އަހަރެންގެ ދައުރު ނިމޭ އިރު، އަހަރެން ބޭނުން ވަނީ ބާސސާ މުސްތަގުބަލަށް ތައްޔާރުވެފައި އޮންނަން،" ބާސާގެ ރައީސް ވިދާޅުވިއެވެ.

ބާޓެމިއޯ ބާސާގައި ބިނާ ކުރަމުން ދަނީ ޒުވާން ޓީމެކެވެ. ހާއްސަކޮށް މި ޓްރާންސްފާ ސީޒަންގައިވެސް ބާސާއިން ވަނީ އެޔެކްސްއަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ފްރޭންކް ޑިޔޯންގް 65 މިލިއަން ޕައުންޑަށް ގެންގޮސްފައެވެ.