ފްރާންސްގެ ތަރި ތިއަރީ އޮންރީއަކީ ދުނިޔެ ދުތް އެންމެ މޮޅު އެއް ފޯވަޑް ނަމަވެސް، އޭނާގެ ކޯޗިން ކެރިއަރުގެ ފެށުން އެންމެ ކާމިޔާބެއް ނުވިއެވެ. ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗު ގޮތުގައި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ނަމަަވެސް، އަލަށް ހަވާލުވެ ކްލަބު މޮނާކޯއާއެކު އެދެވޭ ނަތީޖާއަށް ނުނެރެވި އޭނާ ވަނީ ކްލަބުން ބޭރުކޮށްލާފައެވެ.

އެފަދަ ގޮތަކަށް ވެންގާގެ ކޯޗިން ކެރިއަރުގެ ފެށުން ދިޔަ ނަމަވެސް، އޭނާއާއެކު އާސެނަލްގައި އެތައް ސީޒަނެއް ހޭދަކުރި، ކުރީގެ ކޯޗް އާސެން ވެންގާ ދެކޭ ގޮތުގައި އޮންރީއަށް އަދިވެސް ކާމިޔާބު ކޯޗިން ކެރިއާއެއް އެބައޮތެވެ.

ވެންގާ ގަބޫލުކުރާ ގޮތުގައި އޮންރީއަށް މޮނާކޯއާ ހަވާލު ވެވުނު ދަނޑިވަޅު އެންމެ ރަނގަޅެއް ނޫނެވެ. އޮންރީ މޮނާކޯއާ ސީޒަން މެދުތެރެއިން ހަވާލު ވެފައި ވާއިރު ޕެރެޝަރު ވަރަށް ބޮޑުވާނެ ކަމަށާއި، ކުޅުން ތެރިންނާއި އެކީ މަސަތްކަތް ކުރަން އެވަގުތު އޮންނާނީ އުނދަގޫ މާހައުލެއް ކަމަށް ވެންގާ ބުންޏެވެ.

ވެންގާ ބުނެފައި ވަނީ އޮންރީ އަތުގައި އެފަހަރު ނަސީބުވެސް ނުހިފީ ކަމަށާއި، ކާމިޔާބީއަކަށް ވާސިލްވުމަށް މަސައްކަތް ހުއްޓާނުލާ ކުރަން ޖެހޭނެ ކަމަށެވެ.

އޮންރީ އާއި ބެހޭ ގޮތުން ވެންގާ ވާހަކަދެއްކި އިރު މިވަގުތު ވެންގާ އާއި އޮންރީ ވެސް ތިބީ އެއްވެސް ވަޒީފާއެއް ނެތި ހުސްކޮށެވެ. ވެންގާ ވަރަށް އަވަހަށް ކްލަބަކާއި ހަވާލުވާނެ ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެކަން ކަށަވަރު ވާނެ ޚަބަރެއް އަދި ނުލިބެއެވެ. އޮންރީގެ މުސްތަގުބަލް ވެސް އަދި ކަށަވަރެއް ނުވެއެވެ.