ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތައް މިހާރަށްވުރެ ގިނައިން ކުޅެވޭނެ ގޮތެއް ހަދަންޖެހޭކަމަށް އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

ބާވީސް އަހަރުވަންދެން އާސެނަލްގެ ކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރު ކޯޗް ބުނިގޮތުގައި މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގު އުވާލާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ޝަރަފްވެރި މުބާރާތްތައް މިހާރަށްވުރެ ގިނައިން ކުޅެވޭނެ އިންތިޒާމެއް ބޭނުންވާ ކަމަށެވެ. އަދި ތަރައްގީވެފައިވާ ޒަމާނީ ދުނިޔެއާ އެންމެ އެކަށޭނެ ގޮތަކީ އެއީ ކަމަށްވެސް އޭނާވަނީ ބުނެފައެވެ. މިހާރު މި ދެ މުބާރާތްވެސް ކުޅެނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އެވެ.

ޔުއެފާ ނޭޝަންސް ލީގަކީ ވޯލްޑް ކަޕާއި ޔޫރޯ އާއި ދެމެދު ގައުމީ ޓީމުތަކަށް ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޔޫއެފާއިން ބާއްވާ މުބާރާތެކެވެ. އެންމެ ފުރަތަމަ ނޭޝަންސް ލީގް ބޭއްވުނީ 2019 ވަނަ އަހަރުއެވެ. މިމުބާރާތް ފައިނަލް މެޗުގައި ނެދަލޭންޑްސް 0-1ން ބަލިކޮށް ކާމިޔާބުކުރީ 2016 ވަނަ އަހަރުގެ ޔޫރޯގެވެސް ޗެމްޕިއަންކަން ހޯދި ޕޯޗުގަލްއެވެ.

2019 ވަނަ އަހަރުން ފަށައިގެން ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުރި ވެންގާ ބުނިގޮތުގައި "އެވަރެޖް" ފުޓުބޯޅަ ސަޕޯޓަރުންގެ ނަޒަރުގައި ނޭޝަންސް ލީގަކީ ބޮޑު މުބާރާތެއް ނޫންކަމަށެވެ. އަދި މިމުބާރާތްތަކުން ނުކުންނަ ނަތީޖާއަކީ މާބޮޑު އުފަލެއްކަމަށް އެމީހުން ނުދެކޭކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.

ވެންގާ އިތުރަށް ބުނީ ކުރިއަރާފައި މިވާ ދުނިޔެއަށް އެންމެ އެކަށޭނެ ގޮތަކީ މިހާރު ކުޅެމުންދާ ގޮތާ ހިލާފަށް ވޯލްޑް ކަޕްވެސް އަދި ޔޫރޯވެސް ކޮންމެ 2 އަހަރަކުން އެއް އަހަރު ބޭއްވުންކަމަށެވެ. އަދި މިގޮތަށް މުބާރާތް ބޭއްވުމުން މުބާރާތުގެ އަގުވެށްޓި މުބާރާތުގެ ހައިބަތު ގެއްލިދާނެ ކަމަށް ބުނާ ފަރާތްތަކަށް ބުނެލަން އޮތީ މުބާރާތުގެ ހައިބަތަކީ އެ މުބާރާތާ ގުޅިފައި ހުރިކަމެއް ކަމަށާއި މުބާރާތް ބާއްވާ ތާރީހުތަކާއި ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި މިހާރުވެސް ހައިބަތު ބޮޑު މުބާރާތެއް އަހަރަކު އެއްފަހަރު ކުޅެވޭކަމަށްވެސް ޔޫއެފާ ޗެމްޕިއަންސް ލީގަށް އިޝާރާތް ކުރަމުން ވެންގާ ވަނީ ބުނެފައެވެ.

މިއަހަރު ޔޫރޯ ބޭއްވުމަށް ތާވަލްކުރެވުނު ނަމަވެސް ކޮވިޑް-19ގެ ބަލާ އާފާތުގެ ސަބަބުން މުބާރާތް ވަނީ 2021 ވަނަ އަހަރުގެ ހޫނުމޫސުމަށް ލަސްކުރެވިފައެވެ. ދެން އެންމެ އަވަހަށް ވޯލްޑް ކަޕް އޮންނާނީ 2022 ވަނަ އަހަރު ގަތަރުގައެވެ.