ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ލިވަޕޫލާއި ބަޔާން މިއުނިކް ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރު ނިމިއްޖެއެވެ.

އެ ދެޓީމު ކުޅުނު ފުރަތަމަ ލެގު، ރޭ އެންފީލްޑްގައި ކުޅުނު އިރު، މެޗުގައި ނުރައްކާ ކޮށްވެސް ފެނުނީ ލިވަޕޫލެވެ. އެހެން ނަމަވެސް، އެޓީމަށް ލިބުނު ފަހި ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަލުވި، ރީތި ޕާސިން ފުޓުބޯޅައެއް ފެނުނު އިރު، މެޗުގައި މަދުވީ ހަމައެކަނި ގޯލެކެވެ. ފުރަތަމަ ހާފްގައިވެސް ލިވަޕޫލްގެ ސަޑިއޯ މާނޭއަށްވެސް ވަނީ ރަނުގެ ތިން ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ހާއްސަކޮށް އޭރިއާ ތެރޭގައި ހުސްކޮށް އޮތްވާ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަޑުމަޑުން ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފްގައި ރޮބާޓް ފިރްމީނޯގެ ބޯޅައަކުން ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕަށް ލިބުނު ފުރުސަތުވެސް އޭނާ ނަގާލިއެވެ. ގޯލާ ފަސް ޔާޑު ކައިރިން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

މަޓިޕް އަތުން ހެދުނު ގޯހަކުން ބަޔާންއަށްވެސް ވަނީ ގޯލް ޖަހާނެ ފުރުސަތެއް ފުރަތަމަ ހާފްގައި ތަނަވަސްވެފައެވެ. އެހެން ނަމަވެސް އެ ފުރުސަތުގައި ކޯމަން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފިރްމީނޯއާއި ސަލާހްްގެ ހަމަލާތައްވެސް ބޭކާރުވި އިރު، ބަޔާންގެ ޑިފެންސްގައި މެޓްސް ހަމުލްސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ބަޔާންގެ އަރިމައްޗަށް ކުޅުނު ގްނަބެރީގެ ތިން ހަމަލާއެއްވެސް މެޗުގައި ފާހަގަކޮށްލެވުނު އިރު، ފުރަތަމަ ހާފްގައި އޭނާ ދެ ހަމަލާއެއް ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. އަދި އަނެއް ހަމަލާ ގޯލް ހުރަސްކޮށް ދިޔައީ ބޭރަށެވެ.

ރޭގެ 0-0ގެ ނަތީޖާއާއެކު ނަތީޖާ ނެރެން ޖެހޭނީ އެލިއަންޒް އެރީނާގައި ކުޅޭ ދެވަނަ ލެގުގައެވެ. ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހު 14 ވަނަ ދުވަހުގައެވެ.